Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އެލްޖީއޭގެ ބޯޑަށް ވާދަކުރާ ކެންޑިޑޭޭޓުން ދެ ޕާޓީން ހޮވައިފި

ކުޅުދުއްފުށީ މޭޔަރު އާތިފް.

އަންނަ މަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުން ތަމްސީލު ކުރާނެ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި އެންމެ ބޮޑު ދެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން އެ ކަނޑަައަޅައިފި އެވެ.

އެގޮތުން ވެރިކަން ކުުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ނެރޭ ދެ ކެންޑިޑޭޓުންނަކީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދާއި ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް މަރިޔަމް ޒީނާ އެވެ.

އިދިކޮޅު އެމްޑީޕީން ވާދަކުރާނީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އާއި ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އަދި ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ އެވެ.

އެލްޖީއޭގެ ބޯޑަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅުމުގެ މުއްދަތު ވަނީ މިއަދު މެންދުރު 12:00 އާ ހަމައަށްވެފަ އެވެ.

ބޯޑަށް މެންބަރުން ހޮވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 8 ގަ އެވެ. ވޯޓްލުން ކުރިއަށް ދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން 4:00 އަށެވެ. އަދި ރަސްމީ ނަތީޖާ އިއުލާންކުރަން ހަމަޖެހިފައި ވަނީ އޮގަސްޓް 11 ގަ އެވެ.

އެލްޖީއޭގެ ބޯޑުގައި މިހާރު ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރު، ނައިބު ރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޒަމީރު އެވެ.