ޒުވާން ވިޔަފާރިވެރިންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެސްއެމްއީ ޑިޖިޓަލާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މިއަދު އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ބަދުރުއްދީން ހަސަނެވެ. ބީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު އެވެ.
އެ ދެ ކުންދުނިން މި އެއްބަސްވުމުގައި ސޮއިކުރި އިރު، ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އިއްތެ ވަނީ 'ޔޫތު އޮންޓްރަޕްރިނިއަޝިޕް ފައިނޭންސިން' ނަމުގައި ސްކީމެއް ވެސް ތައާރަފުކޮށްފަ އެވެ.
ބީސީސީ އާއި އެސްއެމްއީ ޑިޖިޓަލުން ހެދި އެއްބަސްވުމުގެ މަގުސަދަކީ މާލީ އެހީތެރިކަމުގެ އިތުރުން، މެންޓަޝިޕް، ވިޔަފާރީގެ ތަމްރީނު، ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމުގެ އެހީތެރިކަން އަދި މަޝްރޫއުތައް މޮނިޓަރކުރުން ފަދަ ހިދުމަތްތައް ފޯރުކޮށްދީ، ޒުވާން ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް މަގުފަހިކޮށް ދިނުމެވެ.
އެގޮތުން ޔޫތު އެންޓްރަޕްރނިއަރޝިޕް ފައިނޭންސިންގ ޕްރޮގްރާމްގެ ފައިދާ ލިބޭ ފަރާތްތަކަށް ބީސީސީން އެ ހިދުމަތްތައް ފޯރުކޮށް ދޭނެ އެވެ.
'ޔޫތު އޯންޓްރަޕްރިނިއަޝިޕް ފައިނޭންސިން' އަކީ 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށް 150،000ރ. އާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ސްކީމެކެވެ.
އެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ސްވައިޕް މޮބައިލް އެޕް މެދުވެރިކޮށް ހުޅުވާލައިފަ އެވެ.