Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

ޖުނައިދުގެ 'ރާގިނީ 3' ގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ހަތަރު ވަނަ ފިލްމު 'ރާގިނީ 3' ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމުގެ ލީޑް ބަތަލާ ތަމަންނާ ބާޓިއާ ވަނީ އިންސްޓަގްރާމް ސްޓޯރީގައި ވެސް އެކަން ހިއްސާކޮށްފަ އެވެ. އޭނަ ހިއްސާކުރި ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއިން ދައްކާ ގޮތުގައި 'ރާގިނީ 3' ގެ ޝޫޓިން ފެށީ އިއްޔެ އެވެ.

ރޫހާނީ ކަންތައްގަނޑެއް ދައްކުވައި ދޭނެ ފިލްމުގެ ޑައިރެކްޓަރަކީ ޝަޝަންކާ ގޯޝް އެވެ. އޭނަ އަކީ ރާގިނީ 3 ވެސް ޕްރޮޑިއުސްކުރާ އެކްތާ ކަޕޫރް ކުރިން ގެނެސްދީފައިވާ ވަރަށް ކާމިޔާބު ފިލްނެއް ކަމަށްވާ 2018 ގެ ބަޑީ ކޮމެޑީ 'ވީރޭ ދީ ވެޑިން' ގެ ވެސް ޑައިރެކްޓަރެވެ.

ޝަޝަންކާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ކާތިކް އާރިއަންގެ 2022 ގެ ސައިކޮލޮޖިކަލް ތުރިލާ 'ފްރެޑީ' އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ 'ރާގިނީ 3' ގެ ކާސްޓްގައި ސަލްމާން ޚާންގެ ޅިޔަނު، އާޔޫޝް ޝަރުމާ އާއި ނަރްގިސް ފަޙްރީ ވެސް ހިމެނެ އެވެ.

ޖުނައިދުގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި އޭކް ދިން އެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2024 ގެ 'މަހާރާޖް' އެވެ. އަދި ދެވަނަ ފިލްމަކީ މިދިޔަ އަހަރުގެ 'ލަވްޔާޕާ' އެވެ.