(ޖޫން 9 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ހިޖުރީ ސަނަތުން 1407 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި، އީރާނުގެ ޚުމައިނީ ސަރުކާރަށް ނިސްބަތްވާ ރާފިޟީ މަޖޫސީން މައްކާގެ މާތްވެގެންވާ ޙަރަމްފުޅުގައި ހިންގި ބިރުވެރި އަދި ނާމާން އަމަލުތަކަކީ، ޓެރަރިޒަމްގެ ފާހަގަކޮށްލެވޭ ހުތުރު މިސާލެކެވެ. މި ނުބައި ޓެރެރިޒަމުގެ ޢަމަލުގެ ސަބަބުން މުދަލާއި ފުރާނައަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ދުވަހު 400 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ފާހަގަކުރެވެއެވެ.
މާތްވެގެންވާ ހަރަމްފުޅުގެ އަމާންކަން ނަގާލުމަށްޓަކައި، ހިޖުރީ ގޮތުން 1409 ވަނަ އަހަރުގެ ހައްޖު މޫސުމުގައި، ޛުލްޙިއްޖާ މަހުގެ ހަތްވަނަ ދުވަހުގެރޭ މަސްޖިދުލް ޙަރާމްގެ ވަށައިގެންވާ ސަރަހައްދުގައި ޝިޔަޢީ ރާފިޟީން ވަނީ ގޮއްވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހާދިސާގެ ސަބަބުން މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބި، ޕާކިސްތާނު މީހަކު މަރުވެ، އިތުރު 16 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ.
ހަމަ އެފަދައިން، ބަޢުޘް ޕާޓީގެ ފިކުރުގެ މީހެއްކަމުގައިވާ ޞައްދާމް ޙުސައިން 1411 ހ. ވަނަ އަހަރު ކުވެއިތަށް އަރައިގަނެ، ސައުދީ ޢަރަބިއްޔާގެ ބޯޑަރު ކައިރިއަށް ލަޝްކަރުތައް ޖަމާކޮށް ހިންގި ޢަމަލުތަކަކީވެސް ބޮޑުވެގެންވާ ޓެރަރިޒަމްގެ ޢަމަލެކެވެ. ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ;ސްކަޑް; މިސައިލްތަކަކީ އިސްލާމީ އަޤީދާގެ މަތީގައި އޮތް ޤައުމަކާ ދެކޮޅަށް ހިންގި ނުބައި އުދުވާނެކެވެ.
މާތްﷲ އަށް ބިރުވެތިވުމެއް ނެތި، އަދި އެކަލާނގެ ނިކަމެތި އަޅުތަކުންނަށް އެއްވެސް ރަޙުމެއް ނެތި، ކިތައް ކިތައް އަބުރުވެރިންގެ އަބުރަށް އަރައިގަނެވިފައިވޭ ހެއްޔެވެ؟ އަދި ކިތައް މީހުންގެ މުދާ ފޭރިގަނެ، އެއްވެސް ޙައްޤަކާއި ނުލައި މައުސޫމް ކިތައް ފުރާނަ ދުއްވާލާފައިވޭ ހެއްޔެވެ؟ މިފަދަ ޢަމަލުތައް ހިންގަނީ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، އެކަކު އަނެކަކަށް އިޙުތިރާމްކުރުމަށާއި އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމަށް ކަނޑައަޅާފައިވާ އުޞޫލުތަކަށް އެއްވެސް ބެލުމެއް ނެތިއެވެ.
މިފަދަ މީހުންގެ ޙާލަތާއި ގުޅޭގޮތުން މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނާގައިވެއެވެ: ;އަދި ﷲގެ ޢަހުދު ކަށަވަރުކުރުމަށް ފަހު، އެ ޢަހުދު އުވާލާ މީހުންނާއި، ގުޅިފައިވުމަށް ﷲ އަމުރުކުރެއްވި ކަންތައްތައް (ގުޅުންތައް) ވަކިކޮށްލާ މީހުންނާއި، ބިމުގައި ފަސާދަ އުފައްދާ މީހުންނަށް ލަޢުނަތް ހުއްޓެވެ. އަދި އެބައިމީހުންނަށް އޮތީ ނުބައިވެގެންވާ ގޮވަތީގެ ޢަޒާބެވެ.; (ސޫރަތުއް ރަޢުދު: 25)
ހިޖުރީ ސަނަތުން 1416 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 20 ވީ ހޯމަ ދުވަހު ރިޔާޟްގެ އަލްޢުލައްޔާގައި ދެވުނު ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ، މުޅި ޤައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި، އިންސާނިއްޔަތާ ޚިލާފު ޢަމަލެކެވެ. އެމީހުންނަކީ ހަރުކަށި ފިކުރު ފަތުރާ އޯޑިއޯ ކެސެޓްތަކުން ނުބައި ތަރުބިއްޔަތު ލިބި، މުސްލިމް ވެރިންނާއި ދީނީ ޢިލްމުވެރިންގެ މައްޗަށް ހިތްތައް ނުބައިކޮށްފައިވާ ބައެކެވެ. މި ހަމަލާގައި އެއްވެސް ކުށެއް ނެތް މައުސޫމް މީހުންގެ ފުރާނަ ގެއްލި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީ ސަރަޙައްދުގެ އަލްޚުބަރު ސިޓީގައި 1417 ވަނަ އަހަރުގެ ޞަފަރު މަހުގެ 9 ވީ އަންގާރަ ދުވަހު ހިނގި ގޮވުމަކީވެސް އަނިޔާވެރި ޓެރަރިޒަމްގެ ބިރުވެރި މަންޒަރެކެވެ. މިއީ އިސްލާމީ ޤައުމުތަކަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ބައެއް ސޫރަތަކެވެ.
ބަހުގެ ގޮތުންނާއި އިސްތިލާހީ ގޮތުން ބެލިޔަސް، ޓެރަރިޒަމަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ބައްޔެކެވެ. އަދި އެއީ ވަރަށް ދަށުދަރަޖައިގެ އަޚުލާގީ ސިފައެކެވެ. ކޮންމެ ޤައުމެއްގައިވެސް އެކަމުގެ ސިފަތަކާއި، ސަބަބުތަކާއި، ނަތީޖާތައް ހުރެއެވެ. އަދި އެކަމަށް އޮތް ފަރުވާ ބިނާވެފައިވަނީ އެ ޤައުމެއްގައި އޮންނަ ޤާނޫނުތަކާއި، އާދަކާދަތަކާއި، އިސްލާމީ އުސޫލުތަކާއި އަޚުލާޤީ އަގުތަކުގެ މައްޗަށެވެ.
ޓެރަރިޒަމްގެ ބަލިމަޑުކަމާއި އިސްލާމްދީނުގެ ނަޒަރުގައި އޭގެ ފަރުވާ:
މި ނުރައްކާތެރި ބަލިމަޑުކަމުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ފަރުވާއަކީ، އަދި ރައްކާތެރިކަމުގެ ފިޔަވަޅަކީ، ކީރިތި ރަސޫލާގެ ސުންނަތާއި ސަލަފުއްޞާލިޙުންގެ މަގުން ހިނގާ ދަންނަބޭކަލުން ދެއްވާ އިސްލާމީ ތަރުބިއްޔަތާއި ހޭލުންތެރިކަމެވެ. އެބޭކަލުންނަކީ މީސްތަކުންނަށް ހޭލުންތެރިކަން އިތުރުކޮށްދީ، ނަސޭހަތާއި އިރުޝާދު ދެއްވުމުގައި މާތް ﷲ ފޮނުއްވި ރަސޫލުންނާއި ނަބިއްޔުންގެ މަންހަޖުގައި ސާބިތުވެ ތިއްބެވި ބޭކަލުންނެވެ. އެ މަންހަޖަކީ މާތް ﷲ ބާވައިލެއްވި ވަޙީގެ ނޫރެވެ. އެ ނޫރުގެ ސަބަބުން ހިތްތަކުގެ ބަލިތަކަށް ޝިފާ ލިބި، ނުތަނަވަސްކަމާއި ހާސްކަމުން ނަފްސުތަކަށް ހަމަޖެހުން ލިބިގެންދެ އެވެ.
ވަޢުޟާއި ނަސޭހަތުން، އަދި ފޮތްތަކުން އަސަރު ނުކުރާ މީހުންނަށް، މާތް ﷲ އިސްލާމީ ވެރިޔާގެ އަތްޕުޅަށް ދެއްވާފައިވާ ޙައްޤުގެ ބާރުގެ ބޭނުންކުރައްވައިގެން ފަރުވާ ދެއްވާނެއެވެ.
މީގެ އިތުރުން، ޓެރަރިޒަމްގެ ބަލިމަޑުކަމުން މުޖުތަމަޢު ސަލާމަތްކުރުމުގައި މުޖުތަމަޢުގެ ދައުރުވެސް ނުހަނު ބޮޑެވެ. ނަމަވެސް މުޖުތަމަޢުގެ ނުފޫޒު ހެޔޮގޮތުގައި ފޯރާނީ، އެ މުޖުތަމަޢަކީ ސަލާމަތްތެރި ފިޠުރަތެއްގެ މަތީގައިވާ، އަދި އިސްލާމީ ރަނގަޅު ސަޤާފަތެއް ލިބިފައިވާ ބަޔަކު ދިރިއުޅޭ ތަނަކަށް ވެގެންނެވެ. ސަބަބަކީ، އެއްޗެއް ނެތް މީހަކަށް އެހެން މީހަކަށް އެ އެއްޗެއް ނުދެވޭނެތީ އެވެ.
ޚުލާޞާކޮށް ދަންނަވާ ނަމަ، އިސްލާމީ ޤައުމުތަކުގައި ފެތުރެމުންދާ ޓެރަރިޒަމްގެ ބަލިމަޑުކަމަށް އޮތް ހަޤީޤީ ފަރުވާއަކީ މާތް ﷲ ބާވައިލެއްވި ވަޙީގެ ބަސްފުޅުތަކެވެ. މި ފަރުވާ މީސްތަކުންނަށް ފޯރުކޮށްދޭން ތިއްބެވި ;ޑޮކްޓަރުންނަކީ; އަމުރުވެރިންނާއި، ޞައްޙަ ޢަޤީދާގެ މަތީގައި ތިއްބެވި ރައްބާނީ ޢިލްމުވެރިންނާއި، ޞާލިޙުވެރިންނެވެ.
ނޯޓް: މި ލިޔުމަކީ ޢައްލާމާ ޒައިދު ބިން މުޙައްމަދު އަލްމަދްޚަލީގެ ލިޔުއްވުމެއްގެ ޚުލާސާ ތަރުޖަމާއެކެވެ.
ތަރުޖަމާ: އަޙްމަދު ރިމާޒު