އައްޑޫ ފޭދޫ ފިހާރައެއް ފަޅާލައި ވައްކަންކުރި ބަޔަކު ހައްޔަރުކޮށް އެ މީހުން ވަގަށް ނެގި ތަކެތި ހޯދައިފި އެވެ.
ފުލުހުން ބުނީ ފޭދޫ ބަނދަރުމަތީގައި ހުންނަ "ސިޓީ އޮޓޯ ގަރާޖު" ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި، މައްސަލަ ހުށަހެޅުނުތާ 24 ގަޑިއިރު ތެރޭގައި ހޯދާފައިވާ ކަމަށެވެ.
މި މަހުގެ 13 ވަނަ ދުވަހު އެ ފިހާރައިން ވައްކަންކުރި މައްސަލަ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ތުހުމަތުކުރެވޭ މީހުންނާއި ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުތި އެ. އެ މަސައްކަތުގެ ތެރެއިން، މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ދުވަހުގެ އިރާކޮޅު. މަރަދޫން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކޮށް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވެ އެވެ.
ހައްޔަރުކުރި ދެ މީހުންނަކީ ހިތަދޫ، ފޯޓްރެސް، އަޙްމަދު ފަރީދު، 42، އާއި އެ އަވަށޫ ހިންދޫރަމާގޭ ޙުސައިން ރަޝީދު، 42، އެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންގެ ބަންދަށް ވެސް 13 ދުވަސް ޖަހާފައިވެ އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް އެ މީހުން ދިރިއުޅޭ ގެތައް، އެ ގޭގޭގެ ވެރިފަރާތުގެ ހުއްދައާއެކު ފުލުހުން ބަލައިފާސްކުރި އިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ އަގުބޮޑު ގިނަ ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 4 ކަރަންޓު ބުރުމާ އާއި ގްރޭންޑަރަކާއި ޓެބްލެޓް، މޮބައިލް ފޯނަކާއި ކަޓަރުތަކެއްގެ އިތުރުން ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނެ އެވެ.
ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ އިރު، މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.