Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

"އިތާ" ޕޯޓަލް ލޯންޗްކޮށްފި

އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ޑިޖިޓަލައިޒްކޮށް ހެލްތު މިނިސްޓްރީން އެކުލަވާލި "އިތާ" ޕޯޓަލް ލޯންޗްކޮށްފި އެވެ.

އެ ޕޯޓަލް އިފްތިތާޙުކޮށް ދެއްވީ މިނިސްޓަރު ގީލާ އަލީ އެވެ.

ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތަޢާރަފުކުރި މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމެވެ.

މީގެ ތެރޭގައި މައްސަލަ ބަލައިގަތުމުން ފެށިގެން، މައްސަލަ ނިމުމާ ހަމައަށް ކުރަންޖެހޭ އެންމެހައި ކަންކަން ހިމެނެ އެވެ.

ގީލާ ވިދާޅުވީ، "އިތާ" ޕޯޓަލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވިދާޅުވި އެވެ.

މި ގޮތުން، "އިތާ" ޕޯޓަލްއާއެކު އަންނާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ބަދަލަކީ މަސައްކަތުގެ ދުވެލި ހަލުވިވުމެވެ. މިއާއެކު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ތެރެއިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީޚު ބެލުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ އެވެ. އަދި އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަރކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން މިހާރަށްވުރެ ހަރުދަނާވެގެން ދާނެ އެވެ.