Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޒަކާތު ސްކޮލަޝިޕްތަކަށް އެދެން އިިތުރު ވަގުތު ދީފި

ޒަކާތު ހައުސްއިން ދޫކުރާ ސްކޮލަޝިޕާއި ޚާއްޞަ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެގޮތުން މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 16 އާ ހަމައަށް އިތުރުކޮށްފަ އެވެ.

މެއި މަހުގެ 17 ގައި ހުޅުވާލި މި ސްކޮލަޝިޕު ޕުރޮގުރާމަކީ ރާއްޖެ އާއި ރާއްޖޭން ބޭރުން މާސްޓަރސް ލެވެލް 9 އަދި ޕީއެޗްޑީ ލެވެލް 10 އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތެކެވެ.

މި ޕްރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލައިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތެވެ. އަދި ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑު ހިމެނޭ ގޮތަށް ދޭ 5 ފުރުޞަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ފުރުޞަތުވެސް ހިމެނެއެވެ.

އިސްލާމީ ދާއިރާތަކުގެ ބޭރުން އެހެނިހެން ދާއިރާތަކުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ޕުރޮޕޯސަލު ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ގޮތަށް ހުށަހަޅާ އިރު، އެ ދާއިރާއަކުން ކިޔެވުމުން ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރާނެ ފައިދާ ސާފުކޮށް ބަޔާންކޮށްދޭންޖެހެއެވެ. މި ފުރުޞަތަށް އެދި ހުށަހަޅާނެ ޚާއްޞަ ޕްރޮޕޯސަލު ޓެމްޕްލޭޓް ޒަކާތު ހައުސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ސްކޮލަޝިޕް ދޭ ދާއިރާތައް:

* އިސްލާމީ ޝަރީޢާ
* ޤުރްއާނާ ބެހޭ ޢިލްމު
* އިސްލާމީ ތަޢުލީމު
* އިސްލާމީ ދިރާސާއާއި ޝާއިޢުކުރުން
* އިސްލާމީ ނޫސްވެރިކަން
* ޢަޤީދާ އަދި ފިޤުހު
* އުޞޫލުލް ފިޤުހު
* އިސްލާމީ ލީޑަޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނޭ

މި ސްކޮލަޝިޕް ފުރުޞަތުތަކަށް ކުރިމަތިލާ ފަރާތްތަކަކީ، އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުމާއެކު، ކިޔަވަން ބޭނުންވާ ޕުރޮގުރާމަށް ވަނުމަށް ބޭނުންވާ އެކަޑަމިކް ޝަރުޠުތައް ހަމަވާން ޖެހޭނެ އެވެ.