Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

ސުހައިލަށް ކުޑައިރު ޖިންސީ ގޯނާ!

ވަރަށް ޅަ އުމުރުގައި ޖިންސީ ގޯނާގެ ޝިކާރަކައަށްވި ކަމަށް ބޮލީވުޑްގެ އެކްޓަރު/ޑައިރެކްޓަރު ސުހައިލް ޚާން ބުނެފި އެވެ.

މިހާރު އުމުރުން 56 އަހަރުގެ ސުހައިލަކީ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ އެއްބަނޑު އެއްބަފާ ދެ ފިރިހެން ކޮއްކޮއިންގެ ތެރެއިން ހަގު މީހާ އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އަށް އެކްޓަރު ކުނާލް ކޭމޫ ހޯސްޓް ކުރަމުން އަންނަ ރިއަލިޓީ ޝޯ، އެލައިންސްގެ ބައިވެރިއެއްގެ ގޮތުން ސުހައިލް ވާދަކުރަމުން އަންނަ އިރު، އެ ޝޯގެ އެޕިސޯޑެއްގައި ބައިވެރިންތަކަކާ އެކު ދެކެވުނު ވާހަކަތަކެއްގައި ސުހައިލް ބުނީ އޭނަ އަށް ކުރިމަތިވި ގޯނާގެ ވާހަކަ ވަރަށް ބޮޑު ވަންދެން އުޅުނީ ސިއްރުކޮށްގެން ކަމަށް ބުނެފަ އެވެ.

އެކަމަކު ޖިންސީ ގޯނާ ލިބުނީ ސީދާ ކޮން އުމުރެއްގައި ކާކުގެ ފަރާތުން ކަމެއް ނުބުނެ އެވެ.

ސުހައިލް ބުނި ގޮތުގައި އެ ވާހަކަ ބައްޕަ ސަލީމް ޚާން ގާތު ދެއްކީ ވެސް ޒުވާން އުމުރަށް އެޅި ފަހުންނެވެ. އޭނަ ބުނީ ޖިންސީ ގޯނާ ލިބުނު ވާހަކަ ސިއްރުކޮށްގެން އުޅުނީ އެ ވާހަކަ ދައްކަން ފަސްޖެހުމާއި ލަދުވެތިކަމާ ހެދި ކަމަށެވެ. އެކަމަކު އެ ވާހަކަ ހިއްސާކުރި ދުވަހުން ފެށިގެން ބައްޕަގެ ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ކަމަށް ސުހައިލް ބުންޏެވެ.

އޭނަ ކިޔައި ދިން ގޮތުގައި އެ ތަޖުރިބާ އިން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ އެއްވެސް ކަހަލަ ގޯނާއެެއް، ފުރައްސާރައެއް ކުރިމަތިވެއްޖެ ނަމަ އެންމެ ގާތް އާއިލާގެ މީހުންނާ އެ ވާހަކައެއް ހިއްސާ ކުރުމުގެ މުހިއްމުކަމެވެ. އެހެންވެ އަމިއްލަ ދަރިންނަށް ވެސް އަބަދު ހަނދާންކޮށް ދޭ އެއް ކަމަކީ އެއީ ކަމަށް ސުހައިލް ބުންޏެވެ. އޭނަ އަކީ ދެ ކުދިންގެ ބައްޕައެކެވެ. ސުހައިންގެ ދަރިންނަކީ ނިރްވާން ޚާން، 26، އާއި ޔޮހާން ޚާން، 15، އެވެ.

ސުހައިލާއި އަންހެނުން ސީމާ ސަޖްދޭގެ ކައިވެނި 2022 ގައު ރޫޅާލާފައި އިރު، އެ މީހުން ކައިވެނިކުރީ 1998 ގަ އެވެ.

ސީމާ ވެސް މިހާރު އަންނަނީ ވައިލްޑް ކާޑު އެންޓްރީއެއްގެ ގޮތުގައި އެލައިންސްގައި ވާދަކުރަމުންނެވެ.

ދާދި ފަހުން އެކްޓަރު ރާމް ކަޕޫރް، 52، ވެސް ވަނީގެ އޭނަގެ އުމުރުން 8 އަހަރުގައި ބޯޑިން ސްކޫލްގައި ޖިންސީ ގޯނާ ލިބުނު ވާހަކަ ރިއަލިޓީ ޝޯއެއްގައި ހިއްސާކޮށްފަ އެވެ.