"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދައިފި އެވެ.
އެ ކުންފުނި އުފެއްދިކަން މިއަދު އިޢުލާންކުރީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.
އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، އައްޑޫގައި ޓޫރިޒަމް ސިނާޢަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑު އަށް ހަމަހަމަކަމާއެކު ފޯރުކޮށް ދިނުމެވެ. ހަމަމިއާ އެކު، ޓޫރިޒަމް ދާއިރާގައި އައްޑޫގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ރޭވުންތެރިކަމާ އެކު ކުރިއަށް ގެންދިއުމަކީ ވެސް ކުންފުނި އުފެއްދުމުގެ ބޭނުމެކެވެ.
ހަންކެޑެ ތަރައްގީ އަށް ހާއްސަކޮށްގެން އާ ކުންފުންޏެއް މި ސަރުކާރުން އުފެއްދި އިރު، މިދިޔަ މަހުގެ ފަހުކޮޅު ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ އިންޓަގަަރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭ ތަފުސީލުތަކެއް ދެތިން ހަފުތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.
ހަންކެޑެއިގައި 1،000 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މިނިސްޓްރީން ބީލަމަށް ހުޅުވައިލި އެވެ. އޭރު ސަރުކާރުން ބުނެފައި ވަނީއަމާޒަކީ ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފެށުން ކަމަށެވެ.
ހަންކެޑެއިގައި ރިސޯޓަށް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލުމުން ތުރުކީ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެންބަރު މަހު އައްޑު އަށް ކުރެއްވި ދަތުރުގައި ރައްޔިތުންނާ ބައްދަލު ކުރަން އެ މަހުގެ 6 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވިދާޅުވެފައިވެ އެވެ.
ރައީސް އޭރު ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ގައި މިނިސްޓްރީގެ ފަރާތުން ތުރުކީ ކުންފުންޏަކަށް އެވޯޑު ލެޓާ ވެސް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އެކުއިޒިޝަން ކޮސްޓް ދައްކަން އެ ކުންފުންޏަށް ފުރުސަތު ވެސް ދީފައިވާ ކަމަށެވެ.
ހަންކެޑެ ތަރައްގީ ކުރަން މި ސަރުކާރުން އެ މަޝްރޫއު 2024 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ އަހަރުގެ އެޕްރީލް މަހުގެ 15 ގައިު ކުލަގަދަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އޭރު އެ ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.
ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރުމުގެ ވާހަކަ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2005 އިން ފެށިގެން ވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. އެކަމަކު މިހާތަނަކަށް އެއްވެސް ސަރުކާރަކަށް މިކަން ހަގީގަތަކަށް ހަދައި ދެވިފައެއް ނުވެ އެވެ.