ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އެފޯޑަބަލް ހޯމް އޯނަޝިޕް" ސްކީމަށް ޚާއްސަކޮށްގެން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1،000 ހައުސިން ޔުނިޓް އަޅަން ފަސް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މަޝްރޫޢު ހަވާލުކުރި ކުންފުނިތައް:
* އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
* ޖޭވީ ޕާޓްނާޝިޕް–ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
* އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
* ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)
* ޖޭވީ ޕާޓްނާޝިޕް–ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
މި ފަސް ޑިވެލޮޕަރުންނަށް ކޮންމެ ފަރާތަކަށް އެއް ޕްލޮޓްގެ މަގުން ބިން ހަވާލުކޮށްފައިވާ އިރު، މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 30 މަސް ދުވަހެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ފްލެޓްތަކުގެ އަގުތައް ކަނޑައަޅާފައިވަނީ އާންމުންނަށް އަތްފޯރާފަށުގެ އަގުތަކެއްގައެވެ.
* 2 ކޮޓަރީގެ ފްލެޓް: ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ
* 3 ކޮޓަރީގެ ފްލެޓް: ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ.
މި ފްލެޓުތަކުގެ އަގު ހެޔޮކުރުމަށްޓަކައި ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އޭގެ ތެރޭގައި މަޝްރޫޢު ހިންގާ ބިމަށް އަގު ދައްކަން ނުޖެހުމާއި، އިމާރާތްކުރުމަށް އެތެރެކުރާ މުދަލުން ޑިއުޓީ ނުނެގުމުގެ އިތުރުން، ފްލެޓް ގަންނަ ފަރާތްތަކުން ޖީއެސްޓީ ދައްކަން ނުޖެހުން ހިމެނެ އެވެ.
މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ހުރިހާ ފްލެޓެއް ވެސް ވިއްކުމަށް ހަމަޖެހިފައި ވަނީ ސަރުކާރުން އިއުލާންކޮށް އެޕްލިކޭޝަން ބަލައިގަނެފައިވާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި، އޭގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.
މި މަޝްރޫޢަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން "ކޮންޓްެރެކްޓަރ ފައިނޭންސްޑް ބިލްޑް އެންޑް ސެލް" މޮޑެލްއަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.