އަތޮޅުތެރޭގެ އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްއި އެމްބިއުލާންސްތަކުގެ ތަޅުދަނޑި ސިއްޚީ މަރުކަޒުތަކާ ވަނީ ހަވާލުކޮށްފަ އެވެ.
އެންބިއުލަންސް ހަވާލުކުރި ރަށްތަކަކީ ށ. ކޮމަންޑޫ، ށ .ފޮއްދޫ، ނ. ހެނބަދޫ، ބ. ދަރަވަންދޫ، ބ. ފުޅަދޫ، ބ. ދޮންފަނު، ޅ. އޮޅުވެލިފުށި، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ވޭވަށު، އއ. ބޮޑުފޮޅަދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދަނގެތި، ލ.ފޮނަދޫ
ގއ.ކޮނޑޭ އަދި ގދ. ވާދު އެވެ.
މި ފަހަރު މި ހަވާލުކުރި 17 އެމްބިއުލާންސް އެކު މި ސަރުކާރު އައި ފަހުން ޖުމްލަ 87 އެމްބިއުލާންސް ރަށްރަށަށް ހަވާލުކޮށްފައިވެ އެވެ.
މިނިސްޓްރީން ބުނީ އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސްވެސް މި އަހަރުގެ ތެރޭގައި ގެނެވި، ރަށްތަކާ ހަވާލު ކުރެވޭނެ ކަމަށެވެ.
އާ އެމްބިއުލާންސްތައް ހޯދުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) އާ ހަވާލުކޮށްގެންނެވެ. އެގޮތުން އެކި ބުރުތަކަށް ބަހަލައިގެން މި މަސައްކަތް ކުރިއަށް ގެންދާ އިރު މި ބުރުގައި 31 އެމްބިއުލާންސެއް ހޯދުމަށް އެ ކުންފުންޏާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކޮށްފައިވެ އެވެ.
މި މަޝްރޫޢުގެ އަގަކީ 36.2 މިލިޔަން ރުފިޔާ އެވެ.
މި މަޝްރުޢޫގެ ދަށުން މީގެ ކުރިން މި އަހަރުގެ މާޗް މަހު 14 އެމްބިއުލާންސެއް ރަށްރަށުގެ ސިއްޚީ މަރުކަޒުތަކާ ހަވާލުކޮށްފައިވެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އަހަރުގެ ތެރޭގައި މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ވެސް ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.