ޙަޤީޤީ ލޯތްބަކީ ލަފުޒުތަކަކުން މިންކުރެވޭނެ އެއްޗެއް ނޫނެވެ. އެކަން ހަމައެކަނި ހާމަވާނީ ކެތްތެރިކަމާއެކު އެކަކު އަނެކަކަށްޓަކާ ވެވޭ ޤުރުބާނީންނެވެ.
ދެހާސް ނަވާރައިގެ އޮކްޓޯބަރު މަހު ޗައިނާގެ ހެނާންގައި ވޯޓަޕްރޫފިން ކޮންސްޓްރަކްޝަން މަސައްކަތްތެރިއެއް ކަމަށްވާ ޒާއޯ ޖިންކިއާން، ގުދަނެއްގެ ފުރާޅުމަތީގައި ތާށިވެފައި އޮތް ތިން އަހަރުގެ ކުޑަކުއްޖަކު ސަލާމަތް ކުރުމަށް ފުރާޅަށް އެރިއެވެ. އަދި، ތިން އަހަރުގެ އެ ކުޑަ ކުއްޖާ ސަލާމަތް ކުރުމަށްޓަކާ އޭނާގެ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅިއެވެ.
ކުޑަކުއްޖާ ގޮވައިގެން ފުރާޅުން އޭނާ ފައިބަން އުޅުމުގެ ތެރޭގައި، 6 މީޓަރު މަތިން ކުޑަކުއްޖާއާ އެކު އޭނާ ވެއްޓުނެވެ. އެވަގުތު، އޭނާގެ ހަށިގަނޑުން ކުޑަކުއްޖާ ޙިމާޔަތްކުރަން އުޅުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓުނުއިރު ފުރަތަމަ ބިންމަތީގައި ޖެހުނީ ޒާއޯ ޖިންކިއާންގެ ބޮލެވެ. އެ ޙާދިސާގައި، އޭނާގެ ސިކުނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބި، ބޮލުގެ ނާށިގަނޑު އެތައް ތަނަކުން ފަޅައިގެން ދިޔައެވެ.

އެކަމަކު، އެ ކުޑަ ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވިއެވެ. ޑޮކްޓަރުން ޤަބޫލުކުރި ގޮތުގައި އޭނާ ދުވަހަކުވެސް ހެއެއް ނާރާނެއެވެ. މުޢުޖިޒާތަކުން މެނުވީ އޭނާ ރަނގަޅުވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް ޑޮކްޓަރުން ބުންޏެވެ. އަދި، ޑޮކްޓަރުން އޭނާގެ މަތިން އުއްމީދު ކަނޑައިލި އެވެ.
އެކަމަކު، އޭނާގެ އަންހެނުން ސޮންގް މޭ އުއްމީދު ކަނޑައެއް ނުލައެވެ. ޕްރީސްކޫލް އާޓް ޓީޗަރެއްގެ ވަޒީފާ ދޫކޮށްލާފައި، ސޮންގް މޭ، އޭނާގެ ފިރިމީހާއަށް ޚިދުމަތް ކުރުމަށް ހުސްވިއެވެ. ޒާއޯ ޖިންކިއަންގެ އަންހެނުން ސޮންގް މޭ ވަނީ ގާތްގަނޑަކަށް ހަތް އަހަރު ވަންދެން އޭނާގެ ހުރިހާ ވަގުތެއް، އޭނާގެ ފިރިމީހާއަށް ޚިދުމަތް ކުރުމަށް ހުސްކޮށްފައެވެ.
ކޮންމެ ދުވަހަކު ފިރިމީހާއަށް ކާންދީ، އަތްފައިގެ ކަސްރަތު ކުރުވައި، ވާހަކަ ދައްކައި ހެދިއެވެ. ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް ފިރިމީހާގެ ހަށިގަނޑުގެ ނާރުތައް ޙަރަކާތްތެރި ކުރުވުމުގެ ގޮތުން ފައިގެ އިނގިލިތަކުގައި މަޑުމަޑުން ދަތްއެޅުން ފަދަ އާދަޔާޚިލާފު އެތައް ކަމެއް ސޮންގް މޭ ކުރިއެވެ. ފިރިމީހާއަށް ލަވަ ކިޔައިދިނެވެ. އަދި ދުވަހުން ދުވަހަށް، ދޫދިނުމެއް ނެތި ފިރިމީހާއަށް ފަރުވާ ދިނުމުގައި އޭނާ ދެމިހުއްޓެވެ.
Woman bites her husband’s toes daily for 7 years, hoping to reverse severe brain damage after his heroic toddler rescue. #ViralNews #TrueStory #HeroicRescue #Inspiring #News
🔗 Get the full update – https://t.co/dElpeoiXhJ pic.twitter.com/I2Puq1pakP
— HypeFresh.com (@HypefreshC) July 11, 2026
ކޮންމެ ގޮންޖެހުމަކާ އެކުވެސް ސޮންގް މޭ ހުރީ އޭނާގެ ފިރިމީހާގެ ގާތުގައެވެ. ކޮންމެވެސް އެއް ދުވަހަކުން އޭނާގެ އަޑު އިވިގެން، އޭނާގެ ފިރިމީހާ ހޭއަރައިގެން އަލުން ތެދުވާނެ ކަމަށް ޤަބޫލުކޮށްގެންނެވެ. އެންމެފަހުން، އޭނާގެ ޚިދުމަތްތަކުގެ މޭވާ އޭނާއަށް ލިބުނެވެ. ޒާއޯ ޖިންކިއަން އަލުން ހޭއަރައިގެން ހިނިތުންވެފައި މަޑުމަޑުން ބުންޏެވެ. "އަހުރެން ކަލާ ދެކެ ވަރަށް ލޯބިވެއެވެ."
އެ ދެމަފިރިންގެ ގަބޫލުކުރަންދަތި މި ވާހަކައިން ދައްކުވައިދެނީ، ލޯތްބަކީ ހަމައެކަނި އިޙުސާސެއް ނޫންކަމެވެ. ލޯތްބަކީ ދިރިއުޅުމުގެ އެންމެ އަނދިރި، އަދި އެންމެ ދަތި އުނދަގޫ ވަގުތުތަކުގައިވެސް އިލްތިޒާމާއި، ކެތްތެރިކަމާއި، އަދި ނުގުޑާފަދަ އަޒުމާއި، ހިތްވަރާއެކު އެކަކު އަނެކަކަށްޓަކާ ވެވޭ ޤުރުބާނީއެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.