Last Updated: July 21, 15:15
Tuesday, July 21, 2026
ޚަބަރު

އޭއީއެޗްގެ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ނިންމާލައިފި

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކުރިއަށް ގެންދާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ގައި ފެށި އެ ޕްރޮގްރާމް ނިންމައިލީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށް ހޮސްޕިޓަލުން މިއަދު ބުންޏެވެ. މި އިންޓާންޝިޕްގައި ބައިވެރިވީ ޑޮކްޓަރުކަން ކިޔަވާފައިވާ ހަތަރު ޒުވާނެކެވެ. އެއީ ތިން އަންހެން ބައިވެރިޔަކާއި ފިރިހެން ބައިވެރިއެކެވެ.

އިންޓާންޝިޕްގެ ގްރެޖްއޭޝަން ހަފުލާގައި އެ މީހުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އޭއީއެޗްގެ ސީއިއޯ އަހުމަދު އަދީލް ނަސީރެވެ.

އިންޓާންޝިޕް ފުރިހަމަ ކުރުމާ ގުޅިގެން އެ ބައިވެރިންނަށް ދެން ޑޮކްޓަރުކަން ރަސްމީކޮށް ޕްރެކްޓިސް ކުރެވޭނެ އެވެ.

އޭއީއެޗްގެ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ނިންމައިލި އިރު، މީގެ އާ ބުރަކަށް މިހާރު އޮތީ ހުޅުވާލައިފަ އެވެ. ޖުމްލަ 15 ޖާގައާ އެކި ހުޅުވައިލި މި ބެޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖޭގައި މިހާރު މެޑިކަލް އިންޓާންޝިޕް ކުރިއަށް ގެންދާ ތަންތަނުގެ ތެރޭގައި ދެން ހިމެނެނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން އޭޑީކޭ އެވެ.