ރާއްޖޭގެ ފުރަތަމަ ފަހަރަށް ހުޅުވި "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކުގައި ހުޅުވައިފި އެވެ.
އެތަން އިއްޔެ ހުޅުއްވައި ދެއްވީ އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ.
ޑައިވިން އަށް ވެސް މުޅި ދުނިޔޭގައި ވެސް މަޝްހޫރު ފުވައްމުލަކުގައި ހުޅުވި "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" އަކީ ދިރާސާކުރުމާއި، ތައުލީމު އުނގަންނައި ދިނުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން އައު އީޖާދުތަކަށް މަގުފަހިކޮށްދޭނެ ތަނެއް ކަމަށް ކައުންސިލުން ބުންޏެވެ.
އެގޮތުން ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ "ޝާކް ޑައިވިން" މަންޒިލެއްގެ ގޮތުގައި ފުވައްމުލަކުގެ ނަން ދަމަހައްޓަމުން، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަށް މި ކައުންސިލުން އަބަދުވެސް މަރުޙަބާ ކިޔައި އެއްބާރުލުން ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނީ މިއީ ރާއްޖެ އާއި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ އާބާދީ ދިރާސާކޮށް، އެ ތަކެތީގެ މަޢުލޫމާތު އެއްކޮށް، ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށްޓަކައި ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކާއި، އަދި ރަށްރަށުގެ މުޖުތަމައުތަކާއެކު މަސައްކަތްކުރާ ދިވެހި ޖަމިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން ހުޅުވި ފެސިލިޓީއެއް ކަމަށެވެ.