އައްޑު އާއި އަދި ފުވައްމުލަކުގެ ނޭޗަރ ޕާކު އިތުރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
އެ ދެ ސިޓީގެ ނޭޗަ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ބާއްވަން ޖެހޭ ހާއްސަ ތަމްރީނު ޕްރޮގްރާމަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަފުތާއަކަށް ގެންދިޔަ ތަމްރީނެކެވެ.
އައްޑޫ ނޭޗާ ޕާކްގައި ކުރިއަށް ގެންދިޔަ ތަމްރީނުގައި ދެ ތަނުގެ މުވައްޒަފުންނާއި، ސިޓީގެ ކައުންސިލްތަކުގެ އިސް ބޭފުޅުންނާއި، މަޝްރޫއުގެ ކޮންޓްރެކްޓަރުންގެ އިތުރުން މި މަސައްކަތުގައި ހިއްސާވާ އެކި ފަރާތްތަކުން ބައިވެރިވެފައެވެ.
މި ތަމްރީނަކީ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް މެނޭޖްމަންޓް ޕްލޭނާއި ގްރީވަންސް ރެޑްރެސް މެކޭނިޒަމް ތަންފީޒުކުރުމާ ގުޅޭގޮތުން ބޭއްވުނު ތަމްރީނެކެވެ.
މީގެ މައިގަނޑު ބޭނުމަކީ ނޭޗރ ޕާކުތައް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު، ތިމާވެއްޓާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، މަޝްރޫއުގެ ތެރެއިން ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މަސައްކަތުގެ ތެރޭގައި ދިމާވެދާނެ ޝަކުވާތައް ހުށަހަޅައި، އެކަންކަން ހައްލުކުރާނެ ނިޒާމެއް ހަރުދަނާކޮށް މަޝްރޫއުގެ ތެރޭގައި ބޭނުންކުރުމެވެ.
މި ތަމްރީނު ކުރިއަށް ގެންދިޔައީ ޔޫއެންޑީޕީ މޯލްޑިވްސް އާއި، ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑް ގެ ދީލަތި އެހީތެރިކަމާއެކު އެވެ.
މިނިސްޓްރީން ބުނީ މަޝްރޫއުގެ ސަބަބުން އައްު އާއި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށާއި، އެ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.