ރާއްޖޭގެ އެންމެ ކޮރަޕްޓް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ މަޖިލީހުގެ މެމްބަރުންގެ އަދަދު 50 އަށް ތިރިކުރައް ވާނެ ކަމަށް ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަން ނިންމަވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ހޯމް މިނިސްޠަރު ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ކޮރަޕްޓް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލީސް ކަމުގައި މިއަދު ދިވެހި ހުރިހާ ރައްޔިތުން ވެސް އެއްބަސްވާނެ ކަމަށެވެ.
އޭނަ ވިދާޅުވީ ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން ވާހަކަދައްކަވާ ބޭފުޅުން އެ ދައްކަވާ ވާހަކަތަކަކީ އެ ކޮރަޕްޓް މުއައްސަސާއަށް ވެރިކަން ދޭ ވާހަކަ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް އުފެދެނީ ޕާރލިމެންޓްގެ ތެރެއިންކަން ކަމަށް ވިދާޅުވި އެއެވެ.
އުމަރު ވިދާޅުވީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ޖެހޭނީ 50 މެމްބަރުން ކަމަށާއި މަޖިލީހުގައި އެއަށްވުރެ ގިނަ މެމްބަރުން ތިބެންޖެ ހޭކަމަށް ޤަބޫލު ވެސް ނުކުރައްވާ ކަމަށެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ޕާލިމަންޓުގައި ތިބެން ޖެހޭނީ ފަންސާސް މެމްބަރުން. އެއަށް ވުރެ މަޖިލިސް މެންބަރުން ގިނަވެގެން ނުވާނެ،“ އުމަރު ނަސީރު ވިދާޅުވި އެވެ. “އަޅުގަނޑަށް ބާރެއް ލިބިއްޖެއްޔާ ރައްޔިތުން މަޖިލިސްގެ މެމްބަރުންގެ އަދަދު ފަންސާހަށް ތިރިކުރާނަން.“
އޭނަ ވިދާޅުވީ ކޮންމެ އަތޮޅަކުން ދެ މެމްބަރުން ފުދޭނެ ކަމަށެވެ. އަދި ރަށުގެ އާބާދީއަށް ބަލައި ތިން މެމްބަރުން ވެސް ރަނގަޅުކަމަށް ވިދާޅުވިއެވެ. އެކަމަކު މުޅި މަޖިލީހުގެ މެމްބަރުންގެ އަދަދު 50 އަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި މިހާރު ނިޒާމު އޮތް ގޮތުންނަމަ ދެން އަންނަ ރިޔާސީ އިންތިޚާބަކާ އެކު މަޖިލީހުގައި މެމްބަރުންގެ އަދަދު 100 އަށް އިތުރުވާނެ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު އިސްރާފެއްގެ ކަމަށާއި ސަރުކާރުގެ މުއައްސަސާތަކުގައި ތިބި މުވައްޒަފުންނާއި މުޅި ޖުޑީޝަރީ އެއްކޮށްގެން ކުރާހާވެސް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޚިދުމަތް ކުރުން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ބެހޭގޮތުން އުމަރު ވިދާޅުވީ ޝައްކެއްނެތް ގޮތުގައި މިހާރުގެ ޤާނޫނުއަސާސީއަކީ އެއްވެސް ވަރަކަށް ރާއްޖެއަށް އެކަށީގެންވާ އަދި ރާއްޖެއަށް ބައްޓަންކޮށްގެން ތައްޔާރުކޮށްފައިވާ ޤާނޫނުއަސާސީއެއް ނޫންކަމަށެވެ.
މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ހުޅަނގުގެ ޤާނޫނުއަސާސީއެއްގެ ޓެމްޕްލޭޓު ނަގައިގެން ރާއްޖޭގެ ޤާނޫނުއަސާސީގައި ކޮޕީ ޕޭސްޓުކުރުމުން ދިމާވެގެން އުޅޭ ބޮޑެތި މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖެއަށް ބައްޓަންކޮށް ހަދާފައިވާ ޤާނޫނުއަސާސީއަކަށް ނުވާތީ މި ނިޒާމުގެ ދަށުން ވެރިކަން ކުރެވެނީ ބޮޑެތި ވަގުންނާއި ލުޓޭރުންނާއި އެއްޗެހި ބޯމީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.