އަލުންދިރުއްވުމަށް ފަހުގައި މީސްތަކުންގެ ޢަމަލުތައް ޙިސާބުބައްލަވައި ޖަޒާ ދެއްވޭނެތަ؟
ޖަވާބު: އަލުން ދިރުއްވުމަށްފަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ، މީސްތަކުންގެ ޢަމަލުތައް ޙިސާބުބައްލަވައި ޖަޒާދެއްވާނެއެވެ. އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى” النجم: ٣١ މާނަ: “ތިމާމެން ދުނިޔޭގައި ތިބެގެން ނުބައި ޢަމަލުތައް ކުރިމީހުންނަށް ނުބައި ޖަޒާ ދެއްވުމަށާއި، އަދި ރަނގަޅު ހެޔޮ ޢަމަލުކުރި މީސްތަކުންނަށް ރަނގަޅު ހެޔޮ ޖަޒާ ދެއްވުމަށެވެ.”
މަރުވުމަށް ފަހު އަލުން ދިރުވުން ދޮގުކޮށްފި މީހެއްގެ ޙުކުމަކީ ކޮބާ؟
ޖަވާބު: މަރުވުމަށްފަހު އަލުން ދިރުއްވުން ދޮގުކޮށްފި މީހެއްގެ ޙުކުމަކީ އެމީހަކީ ކާފިރެކެވެ. އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “زَعَمَ الَّذِينَ كَفَرُوا أَنْ لَنْ يُبْعَثُوا قُلْ بَلَى وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ وَذَلِكَ عَلَى اللَّهِ يَسِيرٌ” التغابن: ٧ މާނަ: “ކާފިރުވީ މީސްތަކުން ހީކޮށްފައި ބުނެއެވެ. އެމީހުން މަރުވުމަށްފަހު އަލުން ދިރިގެން މަޙްޝަރަށް ނުފޮނުވޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށް ވެސް އެހެން ނުވާނެއެވެ. ތިމަންކަލޭގެފާނުގެ ރައްބު ގަންދީ ހުވާކޮށް ބުނަމެވެ. ހަމަކަށަވަރުން ޔަޤީނުންވެސް ތިޔަބައިމީހުން މަރުވުމަށްފަހު މަޙްޝަރަށް ފޮނުއްވޭނެއެވެ. ދެން ތިޔަބައިމީހުން ދުނިޔޭގައި ކޮށްފައިވާ ކަންތައްތަކުގެ ޚަބަރު ތިޔަބައިމީހުންނަށް ދެވޭނެއެވެ. އެއީ ﷲ އަށް ދާދި ފަސޭހަ ކަމެކެވެ.”
ނޯޓް: މިއީ ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމެކެވެ.