ޕީއެންސީގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ވާދަކުރައްވަން ކެރިވަޑައިގަންނަވާނެ އެއްވެސް ބޭފުޅަކު ނެތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި "ހަރުގެ ޖަލްސާ" ގައި އެމްޑީޕީ އާއި މިހާރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޑިމޮކްރަސީގެ ސިފަތައް އަޅާކިޔުއްވަމުން އޭނަ ވިދާޅުވީ އެމްޑީޕީއަކީ ޕާޓީގެ އެތެރޭގައި ޚިޔާލު ފާޅުކުރުމާއި ވާދަކުރުމުގެ ފުރިހަމަ ފުރުސަތު އޮތް ޕާޓީއެއް ކަމަށެވެ. އޭގެ އެއް ހެއްކަކީ މިހާރު ވެސް އެ ޕާޓީގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުން އިޢުލާން ކުރުމުގެ މޫސުމެއް އައިސްފައި އޮތުން ކަމަށް ވިދާޅުވި އެވެ. އަދި އެމްޕީގައި ވެރިކަމަށް ކުރިމަތިލާން ކެރޭ ފަދަ ގާބިލު ބޭފުޅުން ތިއްބެވިކަން ވިދާޅުވި އެވެ.
ނަމަވެސް، ޕީއެންސީގެ ތެރޭގައި އެފަރަ ރޫހަކާއި ހިތްވަރެއް ނެތް ކަމަށް މާރިޔާ ވިދާޅުވި އެވެ. އޭނަވިދާޅުވީ، އެ ޕާޓީގެ އެއްވެސް ބޭފުޅަކަށް ރައީސް މުއިއްޒާ ވާދަކުރަން ނުކުންނަން ނުކެރޭނެ ކަމަށެވެ. އަދި ޕީއެންސީގެ ތެރޭގައި އެފަދަ މިނިވަން ކަމެއް ނެތްކަން ވެސް ކަށަވަރު ކަމަށް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، އެމްޑީޕީގައި އޮތް މިނިވަންކަމާއި ވާދަވެރިކަމަކީ އެ ޕާޓީގެ މެމްބަރުން ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި މިފަދަ މިނިވަން މާހައުލެއް އޮތުމުގެ ސަބަބުން، ރިޔާސީ އިންތިޚާބުތަކުގައި ރައްޔިތުންނަށް އެންމެ ރަނގަޅު ޚިޔާރުތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ އިސް ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ބަލާ އިރު 2028 ގެ ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭނެ އެވެ. އަދި އެ މަނިކުފާނު ވެރިކަމުގެ ދައުރެއް ވެސް ހޯއްދަވާނެ އެވެ.