ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަން ގިނަ ފަހަރަށް އަމާޒުކުރެވެނީ ދުނިޔޭގެ އިގްތިސާދީ ހާލަތަށާއި، އިމްޕޯޓަށް ކުރާ ހޭދައަށް ނުވަތަ ބޭރުގެ ދަރަނިތަކަށެވެ. މި ކަންކަމަކީ ނުފޫޒު ފޯރުވާ ސަބަބުތަކަކަށް ވީނަމަވެސް، މިއަށްވުރެ އަސާސީ ސުވާލަކަށް ސަމާލުކަން ދޭންޖެހެއެވެ. އެއީ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުން އުފައްދާ ބޭރު ފައިސާގެ މަންފާ، ހަގީގަތުގައި ދިވެހި މާލީ ނިޒާމަށް ލިބެމުންދޭތޯ އެވެ.
ފަތުރުވެރިކަމަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ އެންމެ ބޮޑު ދޮރެވެ. ކޮންމެ ފަތުރުވެރިއަކީ ރާއްޖޭގެ އިގްތިސާދަށް ބޭރު ފައިސާ އިތުރުކޮށްދޭ މަސްދަރެކެވެ. ނަމަވެސް، މި ސިނާއަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ރާއްޖެއިން ބޭރުގައި ހިފެހެއްޓި، ރަނގަޅު ގޮތުގައި ރިޕޯޓް ނުކުރެވި، ނުވަތަ ބޭރުގެ އެކައުންޓްތަކުން މުއާމަލާތް ކުރެވޭނަމަ، ގައުމުގެ މާލީ ނިޒާމަށް ބޭނުންވާ ލިކުއިޑިޓީއަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.
ރާއްޖޭގައި ފަހެއް ނުވަތަ ދިހަ ރިސޯޓު ހިންގާ ބޭރުގެ ބޮޑެތި ކުންފުނިތައް އެބަހުއްޓެވެ. އެމީހުންގެ އޮޕަރޭޝަންތަކަށް ކޮންމެ އަހަރަކު އެތެރެކުރާ މުދަލުގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރާއިރު، ގިނަ ފަހަރަށް މި އިމްޕޯޓްތަކަށް ރެމިޓެންސް ހެދުންފަދަ ކަންކަން ކުރަނީ މިދެންނެވި ކުންފުނިތަކުގެ ބޭރުގެ އެކައުންޓްތަކުންނެވެ.
ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އަންނަނީ ހަމައެކަނި އެމީހުން އިމްޕޯޓް ކުރާ ކޮންޓެއިނަރުތަކެވެ. އެހެންނަމަވެސް، މި އިމްޕޯޓްތަކަށް ޚަރަދުކުރާ އެތައް މިލިއަން ޑޮލަރަކީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ދައުރުވާ ފައިސާއެއް ނޫނެވެ. އަދި ރާއްޖެއިން ބޭރުގެ އެކައުންޓުތަކުން މިފަދަ ކަންކަމަށް ފައިސާ ޚަރަދުޖެހޭ ސަބަބު ހާމަކުރުމަކީ އެމީހުން ކުރަންޖެހޭ ކަމެއްނޫނެވެ. އަދި އެއީ ކަމާބެހޭ އިދާރާތަކުން މިފަދަ ކުންފުނިތަކަށް ކުރުމަށް ލާޒިމްކުރާ ކަމެއްވެސް ނޫނެވެ.
ރާއްޖޭގައި ހިންގާ ވިޔަފާރިތަކާ ގުޅޭ އިމްޕޯޓަށް ޚަރަދުކުރާ ފައިސާ ޕުރޮސެސް ކުރަންޖެހޭނީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިންނެވެ. އެއީ މިފަދަ ފައިސާ އަކީ ގައުމީ އިގްތިސާދު ވަރުގަދަ ކުރުމަށް ބޭނުންކުރަންޖެހޭ ފައިސާ ކަމަށްވާތީ އެވެ. އެގޮތުން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި މި ފަދަ ފައިސާ ރެކޯޑް ކުރެވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ.
ބައެއް ރިސޯޓް އޮޕަރޭޓަރުން ފާހަގަކުރާ ގޮތުގައި، އާމްދަނީ ބޭރުގެ އެކައުންޓްތަކަށް ޖަމާކުރަން ޖެހެނީ ބޭރުން ނަގާފައިވާ ލޯނުތައް ދެއްކުމަށެވެ. މިއީ ވިޔަފާރީގެ އުސޫލުން ބަލާއިރު ބުއްދިވެރި، ގާނޫނީ ހަމައެކެވެ. ނަމަވެސް، މިފަދަ ޒިންމާތައް އަދާކުރުމަށްފަހު ބާކީވާ އާމްދަނީ، ހާމަކަން ބޮޑު ބޭންކިން ނިޒާމެއްގެ ތެރެއިން ރާއްޖެއަށް ގެނައުމަކީ ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެކެވެ. ގައުމީ ވަސީލަތްތަކުން އުފައްދާ ފައިސާއަކީ، އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ގައުމީ އިގްތިސާދު ވަރުގަދަ ކުރުމަށް ބޭނުންކުރަންޖެހޭ ވަސީލަތެކެވެ.
މިފަދަ މައްސަލަތަކުގެ ހައްލަކީ 'ޓްރާންސްޕޭރެންސީ' ނުވަތަ ހާމަކަން ބޮޑުކުރުމެވެ. ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަކުން ލިބޭ އާމްދަނީ ސާފުކަމާއިއެކު ހާމަކޮށް، ގާނޫނީ ގޮތުން ދައްކަންޖެހޭ ޓެކްސްތައް ދައްކައި، ދިވެހި މާލީ ނިޒާމަށް އޭގެ ހައްގު މިންވަރު ވަންނަކަން ކަށަވަރުކުރަން ޖެހެއެވެ. ނަޒާހަތްތެރިކަމާއެކު ވިޔަފާރިކުރާ ފަރާތްތަކަށް މީގެ ސަބަބުން ލިބޭނީ ކުރިއެރުމެވެ. އެއީ އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމުވެ، ނަހަމަ ގޮތުގައި ފައިދާ ނަގާ ފަރާތްތަކަށް އޮންނަ ފުރުސަތު ހަނިވެގެންދާނެތީ އެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިކަން ކުރުމަކީ ފަސޭހަ ކަމެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ ޑިޖިޓަލް ރިޕޯޓިން ސިސްޓަމްތައް މެދުވެރިކޮށް، ބުކިންތަކާއި، ރެމިޓެންސް ތަކާއި އާމްދަނީގެ ހަގީގީ ހިސާބުތައް ބެލެހެއްޓޭނެއެވެ. ރާއްޖޭގައިވެސް ޓޫރިޒަމް މިނިސްޓްރީއާއި، ކަސްޓަމްސް އަދި ޓެކްސް އިދާރާތައް ގުޅިގެން މަރުކަޒީ ޑިޖިޓަލް ޕްލެޓްފޯމެއް ގާއިމުކުރުމުން، ވިޔަފާރިތަކަށް ބުރަޔަކަށް ނުވާނޭހެން ޖަވާބުދާރީވުން އިތުރުކުރެވޭނެއެވެ.
މިއީ ހަމައެކަނި މާލީ އިސްލާހެއް ނޫނެވެ. މިއީ އިޖުތިމާއީ އިންސާފުގެވެސް މައްސަލައެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައިވަނީ ރައްޔިތުންގެ ކާބަފައިން ބޭނުންކުރަމުން އައި ފަޅުތަކާއި، ގިރިތަކާއި، ގުދުރަތީ ވަސީލަތްތަކުގެ މައްޗަށެވެ. މި ތަރައްގީގެ ސަބަބުން ދިރިއުޅުމުގެ ވަސީލަތްތައް ގެއްލިގެންދިޔަ މުޖުތަމައުތަކަށް، އެ ސިނާއަތުން ލިބޭ އާމްދަނީގެ މަންފާ އިންސާފުވެރިކަމާއެކު ލިބެންޖެހެއެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަމަކީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމެއް ނޫނެވެ. އެއީ ރައްޔިތުންގެ އިގްތިސާދީ ހައްގުތައްވެސް ރައްކާތެރިކުރުމެވެ.
ދައުލަތުގެ މަސްއޫލުވެރިންގެ ޒިންމާއަކީ ވަކިވަކި ފަރުދުންގެ މާލީ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި، މުޅި ގައުމުގެ މަންފާއަށް އިސްކަންދިނުމެވެ. ނަމަވެސް، ހާމަކަން ކުޑަ ނިޒާމުތަކުން ނާޖާއިޒު ފައިދާ ނަގާ ބާރުގަދަ ފަރާތްތަކުގެ ނުފޫޒުން، މިފަދަ އިސްލާހުތަކަށް ހުރަސް އެޅެއެވެ. މި ހަގީގަތްތަކަށް ފުރަގަސްދީގެން ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެއެވެ.
ރާއްޖެއަށް ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެގެން އުޅެނީ ހަމައެކަނި އާމްދަނީ މަދުވެގެންނެއް ނޫނެވެ. އެއީ ހާމަކަން ބޮޑުކުރުމާއި، ޖަވާބުދާރީވުމާއި، އަދި އިސްލާހީ ފިޔަވަޅު އެޅުމުގެ ސިޔާސީ ހިތްވަރު ނެތުމުގެ ނަތީޖާއެވެ. އިތުރަށް ލޯނު ނެގުމުގެ ބަދަލުގައި، މިހާރު ލިބޭ އާމްދަނީ ދެފުށް ފެންނަ ގޮތަކަށް މެނޭޖުކުރަން ފެށުމަކީ، އިގްތިސާދު ހަމަޔަކަށް އެޅުވުމަށް އޮތް އެންމެ ކުރު މަގެވެ.