މާލޭގެ ކުދީނާގޯޅީގައި އިންނަ ފުޑް ބިސްޓްރޯގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ ތެރެއަށް ދުމާއި ވަސް ވަންނާތީ އެކަން ހައްލު ކުރަންދަން މާލެ ސިޓީ ކައުންސިލުން އެތަން ބަންދުކޮށްފި އެވެ.
ކައުންސިލުން ބުނީ އެތަނުގެ ދުންހޮޅި ރަނގަޅު ކުރުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ ފަރާތުން ގޮސް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ދުންހޮޅި މައްސަލަ ހައްލުކޮއްފައި ނުވާ ކަމަށެވެ. އަދި އިއްޔެ މިއަދު ހުކުރު ނަމާދުގަޑީގައި ފުޑް ބިސްޓްރޯއިން ކައްކާ އެއްޗެހީގެ މިރުސްވަހާ ހުރެ ޒިކުރާ މިސްކިތުގައި ނަމާދަށް ތިބި މީހުން ކޮށިއަރައި ނަމާދަށް ތިބެން އުނދަގޫވާތީ ހުށަހެޅުނު ޝަކުވާއަކާ އެތަން ބަންދުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ފުޑް ބިސްޓްރޯގެ ދުންހޮޅީގެ މައްސަލަ ހައްލު ކުރެވެންދެން އެތަނުގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓުވުމަށްފަހު ތަން ބަންދުކޮށްފައިވާ ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި އިއްޔެ ލިބުނު ޝަކުވާތަކާ ގުޅިގެން ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓު މުވައްޒަފުން އެތަނަށް ވަނުމުން ތަނުގައި ކައްކަން ތިބި ބިދޭސީންނާއި ޚިދުމަތް ހޯދަން ގޮސް ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ދުވެ ފިލާފައިވާ ކަމަށެވެ.