Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

13 ރަށެއްގައި ހައުސިން ޔުނިޓް އަޅަން ބީލަމަށް

އައްޑޫގެ ހަތަރު އަވަށެއް ހިމެނޭ ގޮތަށް 13 ރަށެއްގައި 2،100 ހައުސިން ޔުނިޓް ތަރައްޤީކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްތީން ބުނީ މި ހައުސިން ޔުނިޓްތަކަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ހިންގަން ހަމަޖެހިގައިވާ މަޝްރޫއުތަކެއް ކަމަށެވެ. އެގޮތުން މި މަޝްރޫއަށް ބީލަން ހުށަހެޅޭނީ ސީދާ ދިވެހި ކުންފުނިތަކަށެވެ.

ހައުސިން ޔުނިޓްތައް ތަރައްޤީ ކުރާ ރަށްތައް:

* އައްޑޫ ސިޓީ ހިތަދޫ: 300 ހައުސިން ޔުނިޓް
* އައްޑޫ ސިޓީ ފޭދޫ: 200 ހައުސިން ޔުނިޓް
* އައްޑޫ ސިޓީ މަރަދޫފޭދޫ: 25 ހައުސިން ޔުނިޓް
– އައްޑޫ ސިޓީ މަރަދޫ: 25 ހައުސިން ޔުނިޓް
* ހއ. ހޯރަފުށި: 100 ހައުސިން ޔުނިޓް
* ރ. އުނގޫފާރު: 100 ހައުސިން ޔުނިޓް
* ބ. ތުޅާދޫ: 50 ހައުސިން ޔުނިޓް
* ޅ. ނައިފަރު: 300 ހައުސިން ޔުނިޓް
* މ. މުލި: 100 ހައުސިން ޔުނިޓް
* ދ. މީދޫ: 100 ހައުސިން ޔުނިޓް
* ލ. ގަން: 200 ހައުސިން ޔުނިޓް
* ތިނަދޫ ސިޓީ: 300 ހައުސިން ޔުނިޓް
* ފުވައްމުލައް ސިޓީ: 300 ހައުސިން ޔުނިޓް

މިއީ އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރޭވުންތެރިކަމާއެކު ރަށްތައް ތަރައްގީކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ނެޝަނަލް އެފޯޑަބަލް ހޯމް އޯނަޝިޕް ޕްރޮގްރާމް" ގެ ބައެކެވެ.

މި މަޝްރޫއު ކުރިއަށްގެން ދިއުމަށް ހަމަޖެހިފައި ވަނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން "ބިލްޑް-އެންޑް-ސެލް" މޮޑެލްގެ ދަށުން އިންޖިނިއަރިންގް، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން މެތަޑަށެވެ. މި މަޝްރޫއަށް ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް ނަގާނީ ޑިވެލޮޕަރުންނެވެ.

މި މަޝްރޫއުތަކަށް ސަރުކާރުން ހިލޭ ބިން ހަމަޖައްސައިދޭ އިރު، ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލު ކުރަން ޖެހެ އެވެ. މި މަޝްރޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

މިނިސްޓްރީން ބުނީ ޑިވެލޮޕަރުންނަށް އެއް މަޝްރޫއަށް ވުރެ ގިނަ މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އެވެ.