Last Updated: July 18, 17:34
Saturday, July 18, 2026
މުނިފޫހިފިލުވުން

އިންޑިއާ ސްޓޯރީ؛ ދަނޑުވެރިކަމުގެ އަނދިރި ފަރާތް

ތަފާތު އެކި ކަހަލަ ކެމިކަލް ބޭނުންކޮށްގެން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ސަބަބުން އާންމު ސިއްހަތަށް ކުރިމަތިވާ ނުރައްކާތަކަށް ބިނާކޮށް ހަދާފައިވާ ބޮލީވުޑްގެ ފިލްމު 'އިންޑިއާ ސްޓޯރީ' ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.

މި މަހުގެ 24 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ ޗިތެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މައިގަނޑު ރޯލުތައް ޝްރެޔަސް ތަލްޕަޅޭ އާއި ކާޖޮލް އަގަރްވާލް ކުޅެފައިވާ 'އިންޑިއާ ސްޓޯރީ' އަކީ މިގް ޕްރިޑަކްޝަނާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

އިންޑިއާގެ ބޮޑު އާބާދީ އަށް ދަނޑުވެރިކަމުގައި ހިއްސާކުރާ އިރު، މި ފިލްމުގައި ދަނޑުވެރިންނާ ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކަކަށް އަލިއަޅުވައިލާނެ އެވެ. އެހެންވެ މި ފިލްމަކީ އާންމުންގެ ތެރޭގައި ބޮޑު ބަހުސަކަށް ވެސް ދާނެ ފިލްމަކަށް ވާނެ ކަމަށް ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މިއީ ބޮޑު ސްކްރީނުން އާންމުކޮށް އަންނަ ފިލްމުތަކާ ވަރަށް ތަފާތު ކޮންސެޕްޓެކެވެ. 'އިންޑިއާ ސްޓޯރީ' ގެ ސްކްރީންޕްލޭ ލިޔުނީ ސާގަރު ބީ ޝިންޑޭ އެވެ.

މި ފިލްމު ހިންދީ ބަހުގެ އިތުރުން ތަމަޅަ އަދި ތެލެގޫ ބަހުން ވެސް ރިލީޒްކުރާނެ އެވެ.