Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ތަރައްގީކޮށް ހުޅުވައިފި

ކުޅުދުއްފުށީގެ މަޝްރޫއު ހޮނިހިރު ބާޒާރު ބާއްވާ ސަރަހައްދު އަލުން ޒަމާނަށް ފެތޭ ގޮތަށް ތަރައްގީކޮށް މިއަދު ހުޅުވައިފި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ހޮނިހިރު ބާޒާރު ހުޅުވައި ދެއްވީ އެ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފާއި ށ.ނޫމަރާ ކައުންސިލްގެ ރައީސް އިބްރާހިމް ފުއާދާއި ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމާއި ށ.ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދާއި ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަނާއި ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަލީ ގާސިމްގެ އިތުރުން ށ. ގޮއިދޫ ކައުންސިލްގެ ރައީސް ހުސައިން ޒިޔާދެވެ.

މި ތަނަކީ ކައުންސިލްގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭންގައި ވެސް ހިމަނައިގެން ތަރައްގީކުރި ތަނެކެވެ. އެގޮތުން ހޮނިހިރު ބާޒާރު ޒަމާނުއްސުރެ ބާއްވަމުން އަންނަ ތަން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވެ އެވެ.

ކައުންސިލުން ބުނީ މި މަޝްރޫއަކީ، އެ ސިޓީގެ ގިނަ ރައްޔިތުން އިންތިޒާރު ކުރަމުން އައި އަދި ސިޓީ ކައުންސިލުން ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މުހިންމު އެއް މަޝްރޫއު ކަމަށެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ އުތުރުގެ ވަރަށް ގިނަ ރަށްރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ހޮނިހިރު ދުވަހު އެ ސިޓީ އަށް ގެންގޮސް ވިއްކަން ހާއްސަ ބާޒާރެކެވެ. އަދި މިއީ މުޅި ބޮޑު ތިލަދުންމަތީގައި ވެސް މަޝްހޫރު ބާޒާރެކެވެ.