ހުޅަނގުގެ ޤައުމުތަކުން އިންކާރު ކުރުމުން، ދުޝްމަނުންގެ ޚިދުމަތަށް ޢަރަބިންގެ ބިންތައް ހުޅުވައިލިއެވެ. ހުޅަނގުގެ ޤައުމުތަކަކީ ސަޤާފީގޮތުން އެމެރިކާގެ ދުޝްމަނުންނެއް ނޫނެވެ. އެއީ ޒަމާނުއްސުރެ އެމެރިކާގެ ބައިވެރިންނެވެ. ހަނގުރާމަތަކާއި، ހަމަނުޖެހުންތަކުގެ ތެރޭގައި، ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ޑިޕްލޮމެސީގެ ތެރެއިން އެ ޤައުމުތައް ތިބީ ވޮޝިންޓަނާ އެކުގައެވެ.
މިއަދު އެ ޤައުމުތައް ވެސް ފަހަތަށް ޖެހެން ފެށުމުން، މުޅި އެމެރިކާގައި ވަނީ އިންޒާރުގެ ރަނގަބީލު އަޅަން ފަށާފައެވެ.
އެމެރިކާގެ އެންމެ އެކުވެރި ހުޅަނގުގެ ޤައުމުތަކުން، ޤައުމަކަށްފަހު ޤައުމެއް ކުރިއަށް ނުކުމެ، އީރާނާއެކު އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް ތަޙައްދީކޮށް، އެއީ ޤާނޫނާ ޚިލާފު ހަނގުރާމައެއް ކަމަށް ބުނެ، އޭގެސަބަބުން ދުނިޔެ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދެނީއެވެ.
ފަރަންސޭސިވިލާތާއި، އިޓަލީވިލާތާއި އަދި ސްޕެއިނުން ދެކޮޅު ހެދުމުން، ސަޢޫދީ ޢަރަބިއްޔާއާއި، ކެހިވެރި ޢަރަބި ޢިމާރާތާއި، ބަހުރެއިނާއި، ކުވައިތާއި އަދި ޤަތަރުގެ ވެރިން، އެމެރިކާއާއި، އިޒުރޭލު ލައްވާ އީރާނަށް ޙަމަލާދިނުމަށް އެމީހުންގެ ބިންތައް ހުޅުވައިލިއެވެ. ތާރީޚު އެކަމަށް ހެކި ވާނެއެވެ.
އިސްލާމްދީނާއި، މުސްލިމުންނާ ދެކޮޅަށް ރޭވުންތައް ރޭވި ކޮންމެ ފަހަރަކު، ދުޝްމަނުންނަށް މުސްލިމުން އަޅުވެތި ނުކުރެވި އުއްމަތް ސަލާމަތްވެފައި އޮތީ، މުސްލިމުންގެ އީމާންތެރިކަމާއި، ޖަޒުބާތުގެ ސަބަބުން ކަމަށް ތާރީޚު ހެކިދެއެވެ. އެކަމަކު، މިއަދުގެ ވޭންދެނިވި ޙަޤީޤަތަކީ ހަނގުރާމައިގެ މައިދާނުގައި ނާކާމިޔާބުވި ދުޝްމަނުން، މިހާރު ނުކުމެ އެތިބީ އަހުރެމެންގެ ތެރޭގައި ތިބި ޣައްދާރުންގެ ކޮނޑުމަތީގައި ބަޑިތައް ބަހައްޓައިގެން، އަހުރެމެންނާ ދިމާއަށް ބަޑިޖަހާށެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!
މިއަދުގެ އިސްލާމީ ބައެއް ޤައުމުތައް ވެފައިވަނީ މުސްލިމުންނާ ދެކޮޅަށް ދުޝްމަނުން ބޭނުންކުރާ ހަތިޔާރަކަށެވެ. އަހުރެމެންގެ ސަފުތަކުގެ ތެރޭގައި ތިބި ޚާއިނު ވެރިން ވަނީ މުސްލިމުންގެ ބިންތައް، އީރާނުގެ މުސްލިމުންނާ ދެކޮޅަށް ބޭނުންކުރުމުގެ ފުރުޞަތު، ދުޝްމަނުންނަށް ފަހިކޮށް ދީފައެވެ.
ކޮން ފަދަ މުނާފިޤު ކަމެއް ހެއްޔެވެ؟ ޣައިރު މުސްލިމު ޤައުމުތައް ކަމަށްވާ ފަރަންސޭސިވިލާތާއި، އިޓަލީވިލާތާއި، ސްޕޭނާއި، އޮސްޓްރިއާއާއި، ސްވިޒަރލޭންޑުން، އެ ޤައުމުތަކުގެ ސިޔާދަތާއި، ޝަރަފު ދަމަހައްޓައި، އެމެރިކާއާއި، އިޒުރޭލަށް އެ ޤައުމުތަކުގެ ބިމާއި، ވައިގެ ސަރަޙައްދު ބޭނުންކޮށްގެން އީރާނަށް ޙަމަލާދިނުން ވަނީ ހުއްޓުވާފައެވެ. އެކަމަކު، މިއަދު އެމެރިކާއާއި، އިޒުރޭލުން އީރާނަށް ޙަމަލާތައް ދެމުން އެދަނީ ޢަރަބިންގެ ބިންތައް ބޭނުންކޮށްގެންނެވެ. އެގޮތުން ޢިރާޤާއި، ސަޢޫދީ ޢަރަބިއްޔާއާއި، ކެހިވެރި ޢަރަބި ޢިމާރާތާއި، ޤަޠަރާއި، ކުވައިތާއި، އަދި ބަހުރޭނުގެ ބިންތައް އެދަނީ ބޭނުން ކުރަމުންނެވެ.
މި ހަނގުރާމައިގައި އެންމެ ފުރަތަމަ އުޅުނީ އެމެރިކާއާއި އިޒުރޭލެވެ. ހަނގުރާމައިގެ ދެވަނަ މަރުހަލާގައި، މިހާރު ޢިރާޤާއި، ކުވައިތާއި، ސަޢޫދީ ޢަރަބިއްޔާއާއި، ބަހުރެއިނާއި، ކެހިވެރި ޢަރަބި ޢިމާރާތާއި އަދި ޤަޠަރުން އީރާނާ ދެކޮޅަށް ހަނގުރާމައާ ގުޅިއްޖެއެވެ. އަދި އެމެރިކާއިން މި ހަނގުރާމަ ކުރަމުން އެދަނީ އެމީހުންނަށްޓަކައެވެ.
ހަނގުރާމައިގެ ދެވަނަ މަރުހަލާގައި، އެމެރިކާއިން އަދި ޔޫނާނާއި، ސައިޕްރަސްއާއި، ޑިއޭގޯ ގާސިއާއާއި އަދި އިޒުރޭލުގެ ބިންތަކުގެ ބޭނުންކޮށްގެން އީރާނަށް ޙަމަލާދީފައި ނުވާއިރު، އިސްލާމީ ޤައުމުތައް ކަމަށް ދަޢުވާކުރާ، އިސްވެ ބަޔާންކުރި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އީރާނަށް ޙަމަލާތައް ދެނީއެވެ.
އެއް ޒަމާނެއްގައި، އެ ބިންތަކަކީ އިސްލާމް ދީނާއި، އިސްލާމީ އުއްމަތުގެ ޝަރަފާއި، މަތިވެރިކަމުގެ މަރުކަޒެވެ. އެކަމަކު، މިއަދު އެ ބިންތައް އެވަނީ އިސްލާމީ އުންމަތުގެ ހިތަށް ޙަމަލާދޭން ބޭނުންވާ ދުޝްމަނުންނަށް ހުޅުވައި ލެވިފައިވާ ތަންތަނަށެވެ. އެއީ ދުޝްމަނުންގެ އަމިއްލަ ބާރުގައި ދުވަހަކުވެސް އެމީހުންނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމުގައި އެމީހުންނަށް ވާގިވެރިވާން ނުކުމެ އެތިބީ އިސްލާމީ އުއްމަތަށް ޚިޔާނާތްތެރިވެފައިވާ ޣައްދާރު ވެރިންނެވެ.
ހަނދާން ކުރާށެވެ. ދުޝްމަނުންނަށް ދުވަހަކުވެސް މުސްލިމުން ބައްޔެއް ނުކުރެވޭނެއެވެ. އިސްލާމީ އުއްމަތް ދުޝްމަނުންގެ ކުރިމަތީގައި މިއަދު ފަހަތަށް ޖެހިފައިވަނީ އިސްލާމީ އުއްމަތުގެ ވެރިން، ދުޝްމަނުންނަށް އެކަމަށް މަގު ފަހިކޮށް ދިނުމުންނެވެ. ޣައިރު މުސްލިމުން ދެކޮޅު ހެދުމުން، މުސްލިމުންގެ އަމިއްލަ ބިންތައް، މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގެ މައިދާނަކަށް ބަދަލުކުރި ޚިޔާނާތްތެރިންގެ ނަންތައް ތާރީޚުގައި ލިޔެވޭނެއެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.