Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ކެނަބިސް ޓްރެފިކް ކުރުމުން 19 އަހަރަށް ޖަަލަށް

ކެނަބިސް ޓްރެފިކްކުރި މީހަކު 19 އަހަރާއި ނުވަ މަހާއި 11 ދުވަހަށް ޖަލަށް ލާން ހައި ކޯޓުން ހުކުމްކޮށްފިއެވެ.

އެ ހުކުމް އިއްވީ ލ. ގަން ތުނޑި، އަމްސާޕެލަސް ސައިފުﷲ ސައީދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ކުރީ ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައ،ި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ކެނަބިސް ފެނިގެންނެވެ.

އެތަކެތި ސައިފްގެ ޖީބުން ފެނުނީ، މ. ފެވަރިޓްކޯނާ، މުހައްމަދު ރާއިފް ހާލިދު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާ ހަވާލުވާންދާ ފަރާތެއް ހޯދުމަށް ފެވަރިޓްކޯނާ ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށެބެ. އެގޮތުން އެ ގެ ކައިރިއަށް ގޮސް ރާއިފް ހާލިދުގެ އަތުން ޕާރުސަލެއް ހިފައިގެން ދާން އުޅުނު ވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސައިފްގެ ހަށިގަނޑު ބަލައި ފާސްކުރި އެވެ.

މި މައްސަލައިގައި ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ސައިފުالله ކުށްވެރިވާ ކަމަށް ކަނޑައަޅައ،ި ކުރިމިނަލް ކޯޓުން ހުކުމް ކުރީ، އޭނަ 25 އަހަރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާކޮށް، 12 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.

އަދި ބަންދުގައި ހުރި ދުވަސްތައް ކެނޑުމަށް ފަހު، އޭނާ ތަންފީޒު ކުރަންޖެެނީ 24 އަހަރާއި 10 މަހާއި ހަ ދުވަސް ކަމަށް ވެސް ނިންމިއެވެ.

ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާ މެދު ހިތް ހަމަ ނުޖެހިގެން ސައިފްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.

މި މައްސަލައިގައި، ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ބަލައި ހައިކޯޓުގައި އޭނާ އެދުނީ ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް ދިނުމަށެވެ. އެ ނުކުތާއަށް ބިނާކޮށް ކުރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރާނެ ހާލަތެއް ނެތް ކަމަށް ކަނޑައަޅާ ނަމަ، ދައުލަތުން ވެސް އެއްބަސްވެފައިވާ ފަދައިން ތަންފީޒު ކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތުން ބަންދުގައި ހުރި 1905 ދުވަސް، ފަސް އަހަރާއި ދެ މަހާއި 18 ދުވަސް އުނިކޮށް ދިނުމަށް ވެސް އެދުނެވެ.

އެ މައްސަލަ ބެލުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ހުކުމް ކުރީ، ކްރިމިނަލް ކޯޓުގެ ހުކުމުގައި ސައިފު ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 10 މަހާއި ހަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލްކޮށް، އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބަކީ 19 އަހަރާއި ނުވަ މަހާއި 11 ދުވަސް ކަމަށެވެ.