Last Updated: July 18, 17:34
Saturday, July 18, 2026
މުނިފޫހިފިލުވުން

ސަނީގެ 'ބަޓްވާރާ 1947' ގެ އާ ޓީޒާއެއް

'ބަޓްވާރާ 1947' އިން ސަނީގެ ދަރިފުޅު ކަރަން ވެސް ފެންނާނެ.

މި އަހަރު ރިލީޒްކުރާ ސަނީ ޑިއޯލްގެ ތިން ވަނަ ފިލްމު 'ބަޓްވާރާ 1947' ގެ އާ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 14 އަށް ތާވަލުކޮށްފައިވާ މި ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' އަށް ފަހު ބޮޑު ސްކްރީނަށް އަންނަ ސަނީގެ ދެވަނަ ފިލްމެވެ. ސަނީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 10 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި އަށް ކޯޓްރޫމް ޑްރާމާ 'އިއްކާ' އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ބަޓްވާރާ 1947' އަކީ އަހަރުތަކެއް ފަހުން ބަތަލާ ޕްރިތީ ޒިންތާ އެނބުރި އަންނަ ފިލްމެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަބާނާ އާޒްމީ އާއި އަލީ ފަޒަލް އާއިން ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލްގެ އިތުރުން އަބިމަންޔޫ ސިންގް ހިމެނެ އެވެ.

'ބަޓްވާރާ 1947' އަކީ އިންޑިއާ ބައިބައިވެ ޕާކިސްތާން އުފެދިގެން ދިޔަ ދުވަސްވަރުގެ ވަރަށް ތަފާތު ވާހަކައެެއް ކިޔައިދޭނެ ފިލްމެކެވެ. އޭއާރް ރަހުމާން މިއުޒިކް ހަދާފައިވާ މި ފިލްމަކީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.