ރާއްޖޭގެ އެންމެ ދުވަސްވީ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ކަސްޓަމްސްގެ މަސައްކަތްތައް ކުރިއަށް އޮޮތް ތަނުގައި ބައްޓަން ކުރާނީ ޑިޖިޓަލައިޒްކޮށްގެން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއް ޖެއެވެ.
މިއަދު ފާހަގަކުރާ ކަސްޓަމްސް ގެ 136 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްވި މެސެޖްގައި ރާއްޖޭގެ ކަސްޓަމްސްއަކީ ދައުލަތުގެ އެންމެ ދިގު ތާރީޚެއް އޮތް މުއައްސަސާއަށްވާ އިރު، މި މުއައްސަސާއިން ކުރަމުން ދަނީ ޤައުމީ ސަލާމަތާ ބެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ.
ޚާއްސަކޮށް ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްސްއިން އިހްލާސްތެރިކަމާއެކު ބަލަހައްޓަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ މި ސަރުކާރު އައިފަހުން ރާއްޖޭގެ ބޯޑަރުން ޑްރަގް އަތުލުމާއި، ޤާނޫނީ ގޮތުން މަނާކޮށްފައިވާ ތަކެތި ބޯޑަރުން އަތުލައިގަތުމުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ފާއިތުވި ދެއަހަރާއި ބައިގައި ކަސްޓަމްސް އިން ހޯދާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި އަގުހުރި ޤައުމީ މަސައްކަތްތަކެއް ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާނެ ކަމާ މެދު ޝައްކެއް ނުކުރާ ކަމަށް ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައި ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެން ދާނީ ޚިދުމަތްތައް ހަރުދަނާކުރެވި ޑިޖިޓަލައިޒް އެންވަޔަރަމެންޓެއްގައި އަދި އެންފޯސްމަންޓުގައި މިހާރަށް ވުރެ ޓެކްނޮލިޖީ އެމްބެޑް ކުރެވިގެން ރާއްޖޭގެ ބޯޑަރުތައް މިހާރަށްވުރެ ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ މިއަދަށް ވުރެ ވެސް ފުރިހަމައަށް ކުރުމަށް ކަސްޓަމްސްއިން ކަމަރު ބަންނާނެ." އިހްސާން ވިދާޅުވި އެވެ.
ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަސްޓަމްސްއިން ދެމުން އަންނަ ޚިދުމަތަށް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
ރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތް ފެށީ ވަނަ އަހަރު ޖުލައި 18، 1890 ގަ އެވެ. ބަންޑާރަ ފިހާރައިގެ ނަމުގައި ދޭން ފެށި މި ޚިދުމަތް މިހާރު ބޭނުންކުރާ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ނަމަށް ބަދަލުވީ، ނޮވެމްބަރު 11، 1998 ގައެވެ. އަދި ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއަކަށް ކަސްޓަމްސްވީ 11 މެއި 11، 2011 ގަ އެވެ.