Last Updated: July 20, 18:00
Monday, July 20, 2026
ރިޕޯޓް

ދެ ޖިންސަށް ވަކިން ކިޔަވައި ދިނުމުގެ ދަލީލު

ރަސޫލު ޞައްލަ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ދިރުއުޅުއްވި އަންހެން ޞަޙާބީން ދީނުގެ ޢިލްމު އުނގެނުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވިއެވެ.

عَنْ أبي سَـعِيْد رَضِيَ اللَّـهُ عَنْـهُ قَالَ: جَـاءَتِ امْـرأةٌ إلى اَلرسُولِ صَلىَّ اللهُ عَلَيْهِ وَسَلَّمَ فَقَالَتْ : يَا رَسُولَ اللهِ، ذَهَبَ الرِّجَالُ بحَدِيثِكَ ، فَاجْعَلْ لَنَا مِنْ نفْسِكَ يَوْماً نَأتِيكَ فِيهِ، تُعَلِّمُنَا مِمَّا عَلَّمَكَ اللهُ ، فَقَالَ :اجْتَمِعْنَ فِي يَوْم كَذَا وَكَذَا، فِي مَكَانِ كَذَا وَكَذَا. فَاجْتَمَعْنَ، فَأَتاَهُنَّ رَسُولُ اللهِ صَلىَّ الله عَليْهِ وَسَلَّمَ، فَعَلَّمَهُنَّ مِمَّا عَلَّمَهُ الله، ثُمَّ قَالَ : مَا مِنْكُنَّ امْرَأَةٌ تُقَدِّمُ بَيْن يَدَيْهَا مِنْ وَلَدِهَا ثَلاَثَةً إِلاَّ كاَنُوا لهَا حِجَاباً مِنَ النَارِ. فَقَالَتِ امْرَأَةٌ مِنْهُنَّ : يَا رَسُولَ اَللهِ، وَاثْنَيْنِ؟ قَالَ: فَأَعَادَتْهَا مَرَّتَيْنِ ثُمَّ قَالَ: وَاثْنَيْنِ وَاثْنَيْنِ واثْنَيْنِ. صحيح البخاري

އަބޫސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމުގައި ރިވާވެގެންވެއެވެ. “ރަސޫލު ޞައްލަ ޢަލައިހި ވަސައްލަމަގެ އަރިހަށް އަންހެނެއް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޙަދީޘްތައް އަޑުއެހުމުގައި ފިރިހެނުން ކުރިއަރައި ހިނގައްޖެއެވެ. ސުބްޙާނަހޫ ވަތަޢާލާ ކަލޭގެފާނަށް އުނގަންނަވާ ދެއްވާފައިވާ ތަކެތި ތިމަންމެންނަށް އުނގަންނަވައިދެއްވުމަށްޓަކައި، ކަލޭގެފާނުގެ އަރިހަށް ތިމަންމެން އަންނާނޭ ދުވަހެއް ހަމަޖައްސަވައި ދެއްވާށެވެ! ރަސޫލު ޞައްލަ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިވެނި އެވެނި ދުވަހެއްގައި ތިޔަކަނބަލުން ޖަމާވާށެވެ. އެވެނި މިވެނި ތަނެއްގައެވެ.” ދެން އެބޭކަނބަލުން ޖަމާވިއެވެ. އަދި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް އުނގަންނަވާދެއްވާފައިވާ ތަކެތީން އެބޭކަނބަލުންނަށް އުނގަންނަވައިދެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. (ޅަފަތުގައި) އެމީހެއްގެ ތިންކުދިން މަރުވެ، އެކަނބުލޭގެއާ ނަރަކައާ ދެމެދު ހުރަހެއްކަމުގައި އެކުދިން ނުވާ އެއްވެސް ކަނބަލެއް ތިޔަކަނބަލުންގެ ތެރެއިންނުވެއެވެ.” އޭގެތެރެއިން އަންހެނަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ” “ދެކުދިންވެސް ތޯއެވެ؟” އަބޫ ސަޢީދު ރަޟިޔަ ޢަންހުވިދާޅުވިއެވެ. އެކަނބުލޭގެ މި ސުވާލު 2 ފަހަރު ތަކުރާރު ކުރެއްވުމުން ރަސޫލު ޞައްލަ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ދެ ކުދިން ވެސް”“ދެ ކުދިން ވެސް” “ދެ ކުދިން ވެސް” (މެއެވެ).

މި ޙަދީޘުން ދަލީލުކޮށްދޭގޮތުގައި އަންހެން ކަނބަލުންނަށް އިސްލާމްދީން އުނގަންނަވައި ދެއްވުމަށްޓަކައި ރަސޫލު ޞައްލަ ޢަލައިހި ވަސައްލަމަ އެކަނބަލުންނަށް ޚާއްޞަކުރައްވައިގެން ވަކި ދުވަހަކާއި ތަނެއް ހަމަޖެއްސެވިއެވެ. އަދި އުނގަންނަވައިދެއްވި އެވެ.

އެއް މަޖިލީހަކަށް އަންހެނުންނާއި ފިރިހެނުން އެއްކޮށްގެން ފިތުނައަށް މަގުފަހިވާ ގޮތަށް، ދީނީ ތަޢުލީމު އުނގެނުމުގައި ވެސް ޢަމަލުކޮށްގެން ނުވާނެކަމާއި، ތަޢުލީމު އުނގަންނައި ދިނުމުގައި 2 ޖިންސު ވަކި ކުރަން ޖެހޭނެކަން، ވަކި ދުވަހަކާއި ވަކި ތަނަކާއި ވަކި ވަގުތެއް އެކަނބަލުންނަށް ޚާއްޞަ ކުރެއްވުމުން ދޭހަވެ އެވެ. އެކަނބަލުންނަށް ވަކި ދުވަހަކާއި ވަކި ތަނެއް އަދި ވަކި ވަޤުތެއް ޚާއްޞަ ކުރުމުން ދެ ޖިންސު ތަޢުލީމުގެ ކަންތައްތަކުގައި ވަކިކުރުމަށް ބާރުލިބެ އެވެ. އަދި ކިއެއްތަ ދީނީ ޢިލްމު ކިޔެވުން މި މަގަށް ހުރި އިރު ދުނިޔަވީ ޢިލްމުތަކާއި އެހެނިހެން ފަންނުތަކުގެ ޢިލްމުތައް ކިޔަވާއިރު މިކަން މިގޮތަށް ކުރުން މާ ބޮޑަށް އައުލާވެގެން ވެއެވެ.

އެހެނީ ލަދުވެތިކަމާއި މަޑުމޮޅިކަން ވަނީ ދީނީ މަޖިލީސްތަކުގަ އެވެ.

ނޯޓް: މިއީ ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމެކެވެ.