ޖަވާހިރެއް ތާޖެއްގައި އިނަސް، އަދި ކުނިގޮނޑެއްގައި އޮތަސް ވާނީ ޖަވާހިރަކަށެވެ. ހަމައެފަދައިން ރާޖާއެއް ވާނީ ރާޖާއަކަށެވެ. ސިޔާސީ ދާއިރާއަށް ނުކުމެ، ވެރިކަން ލިބުމުން ކޮރަޕްޝަނާއި، ފަސާދައިގެ ޢަމަލުތައް ހިންގާނީ ވެރިކަމަށް އާދެވުމުގެ ކުރިން އަތުގައި އެއްވެސް އެއްޗެއް ނެތް ބިކާރީންނެވެ. އެއީ، އެބައެއްގެ އަތުގައި، ފައިސާއެއް، ބިމެއް، މުދަލެއް ނެތް މީހުންނެވެ. ވިޖޭ ތަލަޕަތީއާ ބެހޭގޮތުން ބުނާނީ ކީކޭ ހެއްޔެވެ؟
ބައްތިރީސް 32 މަރުވި ކުރޯރު އެކްސިޑެންޓުގައި، މަރުވި މީހުންގެ ޢާއިލާތަކަށް ޒިޔާރަތްކުރައްވައި، ޢުމުރުދުވަހަށް އެ ޢާއިލާތަކުގެ ޒިންމާ ނަންގަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭގެއިތުރުން ކޮންމެ ޢާއިލާއަކަށް 10 ލައްކަ ރުޕީސްއާއި، ޢާއިލާގެ ކޮންމެވެސް އެއް މެންބަރަކަށް ސަރުކާރުގެ ވަޒީފާއެއް ދެއްވިއެވެ.
ދަނޑުވެރިން ނަގާ ލޯންތައް ނުދެއްކޭ ފަދަ ޙާލަތެއް މެދުވެރިވި ކަމުގައިވިޔަސް، ދަންޖެހިގެން މަރުނުވުމަށް ދަނޑުވެރިންނަށް ފާޅުގައި ގޮވައިލެއްވިއެވެ. އަދި ލޯނަށް ދައްކަންވާ ފައިސާ ހޯދުމަށް އެއްވެސް މީހަކު ނާންނާނެ ކަމަށް ވިދާޅުވިއެވެ. ލޯނު ނުދެއްކޭ ފަދަ ޙާލަތެއް މެދުވެރި ވެއްޖެނަމަ، އެފަދަ ލޯންތައް މަޢާފުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ކޮންމެ މަހަކު 200 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބިލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.
ކޮރަޕްޝަން ހުއްޓުވުމަށްޓަކާ ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް އިފުތިތާޙު ކުރައްވާފައިވެއެވެ. ސަރުކާރުން ހޯދަންޖެހޭ ކޮންމެ ޚިދުމަތެއް "ވައިތްރީ ޕޯޓަލް" މެދުވެރިކޮށް ކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައިވެއެވެ. ސަރުކާރުގެ އެއްވެސް މުވައްޒަފަކު ރިޝްވަތު ދިނުމަށް އެދުނަސް ރިޝްވަތު ނުދިނުމަށާއި، ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތެއް ފޯރުކޮށް ދިނުމުގައި، ލަސްކުރާނަމަ، ތަލަޕަތީއަކީ، ތިބާގެ ކޮއްކޮ، ނުވަތަ ބޭބެ، ނުވަތަ ދަރިއެއް ނުވަތަ ރަޙުމަތްތެރިއެއް ކަމަށް ބުނާށެވެ. އެފަދަ މީހުންގެ ޝަކުވާ، ޕޯޓަލް މެދުވެރިކޮށް ފޮނުވުމަށާއި، އަދި ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމީހަކަށް އަމިއްލައަށް އެމީހެއްގެ ޝަކުވާގެ އަދާހަމަ ޗެކްކޮށް ބެލޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެއިތުރުން، "ރައިޓް ޓު ސާރވިސް އެކްޓް" ކިޔާ ޤާނޫނެއް ފާސްކުރައްވާފައި ވެއެވެ. އުފަންދުވަހުގެ ސެޓްފިކެޓާއި، އައި.ޑީ. ކާޑާއި، ޕާސްޕޯޓް ފަދަ ޚިދުމަތްތައް، އެ ޤާނޫނުގެ ދަށުން ފަސޭހަވެގެން ގޮސްފައިވެއެވެ. ކޮންމެ ޚިދުމަތަކަށް ވަކި "ވަގުތު ރޮނގެއް" ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން އެކިއެކި ޚިދުމަތްތަކަށް 5 ދުވަހާއި، 6 ދުވަހާއި، 7 ދުވަހުގެ މުއްދަތެއް ކަނޑައަޅުއްވާފައި ވެއެވެ. ކަނޑައެޅިފައިވާ މުއްދަތަށްވުރެ، އިތުރުވާ ދުވަސްތަކަށް އެކަމާ ޙަވާލުވެ ހުރި މުވައްޒަފަކު ޖޫރިމަނާ ކުރެވޭނެއެވެ.
ކަނބަލުން ކުރިއެރުވުމަށާއި، ކަނބަލުންގެ ސަލާމަތާއި، ރައްކާތެރި ކަމަށްޓަކާ 356 މިލިއަން ރުޕީސްގެ ފަންޑެއް ޤާއިމު ކުރައްވާފައިވެއެވެ. އަދި ކަނބަލުންގެ ސަލާމަތަށްޓަކާ "ވިމެންސް ސޭފްޓީ ފޯސް" އެކުލަވާ ލައްވާފައިވެއެވެ. ދުވާލަކަސް، ރޭގަނޑަކަސް، ކޮންމެ މަގަކާއި، ކޮންމެ ގޯޅިއަކާއި، ބަސްހުއްޓިތަކާއި، ރޭލުވޭ ސްޓޭޝަންތަކުގައި ފުލުހުން ފޯރިމަރަންޖެހެއެވެ. އަދި ޑްރޯން ބޭނުންކޮށްގެން ސަރވައިލަންސް ޓީމުތަކުން ފާރަލައި ބަލަން ޖެހެއެވެ. އެއްވެސް މީހެއްގެ ފަރާތުން އަންހެނަކަށް ގޯނާއެއް ލިބިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅަން ޖެހެއެވެ.
އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަންނަ މީހުންގެ ކަންތައް، އެތަނުން އެތަނުން ނިންމާލަން ޖެހެއެވެ. އަދި އެފަދަ މީހެއްގެ މައްސަލަ ކޯޓާ ހިސާބަށް ދިޔައަސް ލަސްނުކޮށް ވީހާވެސް އަވަހަކަށް ނިންމައިދޭން ޖެހެއެވެ. އަދި، އައި.އޭ. އެސްގެ އޮފިސަރުން ހާޒިރުކުރުމަށްފަހު، ބަރާބަރަށް މަސައްކަތް ނުކުރާ އޮފިސަރުންގެ އިސްތިޢުފާގެ ސިޓީގައި ޚުދު ތަލަޕަތީ ސޮއިކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި 10 އަހަރުގެ އަންހެން ކުއްޖެއްގެ ޢިއްފަތްތެރިކަން ފޭރުނު މައްސަލައަކާ ގުޅިގެން ބޭއްވި ނޫސްކޮންފަރެންސެއްގައި ހިނިއައިސްފައި ތިބި އައި.އޭ.އެސް ތިން އޮފިސަރުން ވަގުތުން ވަޒީފާއިން ވަކިކުރެއްވިއެވެ.
ތަޢުލީމީ ސިޔާސަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތަޢުލީމު އެންމެންނަށް ހަމަހަމަ ކަމަށެވެ. 10 ރުޕީސްއަށް ކިޔަވައިދޭ ސްކޫލަކާއި، 10،000 ރުޕީސްއަށް ކިޔަވައިދޭ ސްކޫލަކާއި، ކިޔަވައި ދިނުމުގައި އެއްވެސް ތަފާތެއް ނުކުރެވޭނެއެވެ. އެންމެންވެސް ކިޔަވައިދޭން ޖެހޭނީ އެއް ސިލަބަހަކަށެވެ. ޕްރައިވެޓް ސްކޫލުތަކުގައި ކިޔަވައިދެވޭނީ ސަރުކާރު ސްކޫލްތަކުގައި ކިޔަވައިދޭ އެއްޗެކެވެ. ތަޢުލީމީ ނިޒާމުގައި ފައިސާއެއް އެ ދެމެދަކަށް ނުވަންނާނެއެވެ. ގްރޭޑް 12 ގައި ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށް ޔުނިވަރސިޓީތަކަށް ވަނުމަށް ކޯޗިން އިންސްޓިޓިއުޓްތަކަށް ލައްކައިން ފައިސާ ދޭކަށް ނުޖެހޭނެއެވެ. އަމިއްލައަށް ކޮންމެ ކުއްޖަކަށްވެސް ކުރިމަތިލެވޭނެއެވެ. 10 ޖުލައި 2026 ގައި ޓެމިލްނާޑޫގެ ސްކޫލެއްގައި ވިޖޭ ތަލަޕަތީގެ ވީޑިއޯއެއް ދަރިވަރުންނަށް ދައްކައެވެ. އިޖުތިމާޢީ މަންސަތަކުގެ ޒަރީޢާއިން، އެކަން ތަލަޕަތީއަށް އެނގި ވަޑައިގަތުމުން އެ މައްސަލަ ތަޙުޤީޤުކޮށް އެ ސްކޫލުގެ ޕްރިންސިޕަލް ސަސްޕެންޑް ކުރެއްވިއެވެ. އަދި ސްކޫލްތަކުގެ ހަތަރުފާރުން އެތެރެއަށް ސިޔާސީ ނުފޫޒު ނުވެއްދުމަށް ހުރިހާ ސްކޫލުތަކަށް އެންގެވިއެވެ.
ނިކަން ވިސްނާލަބަލާށެވެ. އަހުރެމެންގެ ޤައުމުގައި، ވެރިމީހާއާއި، ސިޔާސީ ޕާޓީތައް ޕްރޮމޯޓް ކުރުމަށް ކޮށްފައި ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ޤައުމީ ޓީވީއިން ފެށިގެން މިސްކިތްތަކާއި، އެއަރޕޯޓްތަކާއި، ސަރުކާރުގެ ޢިމާރާތްތައްވެސް ބޭނުންކުރަނީ ސިޔާސީ ބޭނުމަށެވެ. ވަކި ޕާޓީއެއް ވެރިކަމަށް އައުމާއެކު ހުރިހާ ތަނެއްގައި ހުންނާނީ އެ ޕާޓީއެއްގެ ކުލައެވެ. އެކަމުގައި، މިސްކިތެއް، ހަސްފަތާލެއް، މަގެއް، ގޯޅިއެއް އިސްތިސްނާއެއް ނުވެއެވެ.
ތަލަޕަތީގެ ސަރުކާރު ސިފަވަނީ އޭނާގެ "ޖެންޒީ ސީ.އެމް" ފިލްމުގެ މަންޒަރުތަކާއެވެ. ތަލަޕަތީ އެ ކުރައްވަނީ އާދަޔާ ޚިލާފު މަސައްކަތްޕުޅެކެވެ. ޓެމިލްނާޑޫ ސްޓޭޓުގައި ތަލަޕަތީ ވެރިކަން ކުރައްވާ ގޮތުން ހީވަނީ ޗީފް މިނިސްޓަރުކަމާ ހިސާބުން އަދި ސިޔާސީ ޙަޔާތްޕުޅު ނިންމަވާ ނުލައްވާނެ ހެންނެވެ. ހީވަނީ ސިޔާސީ ޙަޔާތްޕުޅު ނިންމަވައި ލައްވާނީ އިންޑިއާގެ ބޮޑުވަޒީރުކަމާ ހިސާބުން ހެންނެވެ. ތަލަޕަތީއެވެ. ތިބާއަށް ސެލިއުޓް އަރުވަމެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.