ތިރީގައި އެވާ ފޮޓޯ އިން އެ ފެންނަނީ އިންޓަނެޓުގައި މިހާރު އެންމެ ބޮޑަށް ވިރަވިވާ ފޮޓޯ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެ ފޮޓޯއިން އެ ފެންނަނީ އާޖަންޓީނާގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ލައިނަލް މެސީއެވެ. ޝައްކެއް ނެތް ގޮތުގައި މެސީއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މެސީ، އެކުއްޖަކު ފެންވަރުވަން އެ އިން ކުއްޖަކީ ތުއްތު ލަމީން ޔަމާލްއެވެ. ލަމީން ޔަމާލް އަކީ މިފަހަރުގެ ވޯލްޑްކަޕް ފައިނަލްގައި އާޖަންޓީނާއާ ދެކޮޅަށް ކުޅޭ ސްޕޭން ޓީމުގެ ކަނާތު ވިންގެވެ.

ފުޓްބޯޅައިގެ ބައެއް ފޭނުން ބުނާގޮތުގައި ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފީފާއިން އަންނަނީ ވަރަށް ބޮޑު މުއާމަރާއެއް ނުވަތަ ކޮންސްޕިރަސީއެއް ރާވައި ހިންގަމުންނެވެ. އެކަމަކު، އެއީ ޝައްކެއް ނެތް ގޮތުގައި ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. އެއީ މުޅިން ހޮޅިވާހަކައެކެވެ. އެވާހަކަ ދައްކާ މީހުން، އެވާހަކަ ދައްކަނީ ހިސާބު ޢަދަދުގެ 19 އާ ގުޅުވައިގެންނެވެ. 19 އާ ފައިނަލް މެޗާ އޮތީ ކޮން ގުޅުމެއްތޯ ބަލަމާ ހިނގާށެވެ.
މެސީގެ ޢުމުރުން މިހާރު 39 އަހަރުވެއްޖެއެވެ. އެ ފޮޓޯ ނެގި އިރު މެސީގެ ޢުމުރަކީ 20 އަހަރެވެ. އެ އަދަދު 20 ކެނޑުމުން ބާކީ އޮންނާނީ 19 އެވެ. މިހާރު ލަމީން ޔަމާލްގެ ޢުމުރަކީ ކިހާ ވަރެއް ހެއްޔެވެ؟ ނަވާރަ އަހަރެވެ. ޔަމާލްގެ ޖާޒީ ނަންބަރަކީ ކިހާ ވަރެއް ހެއްޔެވެ؟ ނަވާރަ އެވެ.
އެ ފޮޓޯ ނަގާފައިވަނީ މީގެ 19 އަހަރު ކުރިން 2007 ވަނަ އަހަރުއެވެ. ދެހާސް ހަތެއްގައި މެސީގެ ޖާޒީ ނަމްބަރަކީ ކިހާ ވަރެއް ހެއްޔެވެ؟ ނަވާރަ އެވެ.

އަދި ފައިނަލް މެޗް އޮތީ ކޮން ދުވަހެއްގައި ހެއްޔެވެ؟ ނަވާރަ ޖުލައި 2026 ވާ އާދީއްތަ ދުވަހުއެވެ. އެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ނިއުޖާޒީގެ ރުދަރފޯޑުގެ ގަޑިން ހަވީރު 3 ޖަހާއިރުއެވެ. އިއްތިފާޤުން އެ ގަޑިއަކީ ޖީއެމްޓީ ގަޑިން 19.00 އެވެ.

ހައްތާވެސް 19 އެވެ. މި 19 އަކާ ހެދި މީހަކު އަޅެ އަޖާއިބެއް ނުވާނެ ހެއްޔެވެ؟ 19 ޖުލައި 2026 ވަނަ ދުވަހުގެ ޖީއެމްޓީ ގަޑިން 19.00 ގައި ފެށުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި، 19 އަހަރުގެ ލަމީން ޔަމާލް، 19 ނަންބަރު ޖާޒީގައި 19 މިނިޓުގައި ލަނޑެއް ޖަހައިފި ނަމަ، އަދި ކިހާ ވަރެއް ވާނެ ހެއްޔެވެ؟ ފުޓްބޯޅަ ފޭނުން މުޅިން މޮޔަވެދާނެ އެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.