ރާއްޖޭގައި ޑޮލަރުހެ ކަޅު ބާޒާރެއް އުފެދިފައިވާތީ ޑޮލަރުގެ އަގު ތިރި ނުވަސްނީސް އަސާސި ހިދުމަތްތަކަށް ކުރާ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް ހުއްޓާލަން އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ކުރީގެ ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު ތިރި ނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދު ފިޔަވައި އެހެން އެއްވެސް ހަރަދެއް ކުރުން ރަނގަޅު ނޫން ކަމަށެވެ. ޑޮލަރުގެ ތާށިކަމުގެ މައްސަލައިގައި ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ ސަރުކާރުން އުމްރާނީ ތަރައްގީއަށް ހިންގާ މަޝްރޫއުތައް ހުއްޓާލައި ނުނިމި ހުރި މަޝްރޫއުތައް ކައުންސިލްތަކާއި ހަވާލުކޮށްގެން ކުރިޔަށް ގެންދަން ވެސް ގޮވާލައްވައިފަ އެވެ.
"އުމްރާނީ ހުރިހާ މަސައްކަތްތަކެއް ހުއްޓާލަން ޖެހޭ. ރަށްރަށުގައި ނުނިމި ހުރި ޕްރޮޖެކްޓްތައް ރަށްރަށުގެ ކައުންސިލާ ހަވާލުކުރުން ރަނގަޅު ވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ. "ކައުންސިލްއިން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކާ އެ މަސައްކަތް ނިންމި ދާނެ."
ޑޮލަރުގެ އަގު އުފުލި މިހާރު ކަޅު ބާޒާރުގައި ޑޮލަރުން ގަންނަން ލިބެން ހުރީ 21ރ. އަށެވެ. ދާދި ފަހުން ނަޝީދު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ އަށް ސަރުކާރަށް ހައްލެއް ހޯދައި ނުދެވި ދިގުދެމިގެންދާ ނަމަ ޑޮލަރެއްގެ އަގު 23ރ. އަށް އެރުމުގެ ބިރު ވެސް އޮތް ކަމަށެވެ.
ނަމަވެސް ސަރުކާރުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ވިދާޅުވަމުން ގެންދަނީ ރާއްޖެ އަށް ޑޮލަރުގެ ތާށިކަމެއް ނެތް ކަމާއި މިއަށް ވުރެ ފަސޭހަކޮށް ޑޮލަރު ލިބޭ ޒަމާނެއް ރާއްޖެ ނުވެސް ދެކޭ ކަމަށެވެ.