މި މަހުގެ 11 ގައި ބޭއްވި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހުޅުމާލޭގެ ކާމިލުދީދީ ސްކޫލަށް ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން ނަގައިފި އެވެ.
ޕީއެންސީން ބުނީ ވޯޓް ގުނަނިކޮށް ބަޔަކު ސްކޫލަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ޒިންމާ އެ ޕާޓީން ނަގައި، ގެއްލުން ލިބުނު ތަންތަން މަރާމާތުކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެގޮތުން ސްކޫލުގެ ފަރާތުން މިހާރު އަންނަނީ ލިބުނު ގެއްލުންތަކުގެ ރިޕޯޓެއް ތައްޔާރުކުރަމުންކަން ޕީއެންސީން ބުންޏެވެ.
ސްކޫލުގައި ހިނގި ހަމަނުޖެހުމުގައި، އެތަނުގެ ހޯލުގެ ދޮރުފަތެއްގެ ބިއްލޫރިގަނޑަށް ތަލާލުމުގެ އިތުރުން ސައުންޑް ސިސްޓަމްގެ މިކްސަރަކަށް ވެސް ގެއްލުންތަކެއް ލިބުނެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ޕާޓީގެ އުމުރުން ދުވަސްވީ މެންބަރަކަށް ޕެނިކް އެޓޭކެއް ކުރިމަތިވެ، އިތުރު މެންބަރުންތަކަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ.
ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތުކޮށްފައިވާ ގޮތުގައި އެ ހަމަނުޖެހުން ހިންގީ އެ ޕާޓީގެ މަޖިލިސް މެންބަރަކު ފޮނުވި ބައެކެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް އޭރު އާންމުވި އެވެ.
ފުލުހުން މިހާރު އަންނަނީ އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންނެވެ.