Last Updated: July 19, 18:01
Sunday, July 19, 2026
މުނިފޫހިފިލުވުން

އާމިރަށް މަރުގެ އިންޒާރު ދީފި

ދީނަށް ނުބަލައި ބޮލީވުޑްގެ ތަރި އާމިރު ޚާން މީހުންނާ އިނދެ 'ލަވް ޖިހާދު' ޕްރޮމޯޓްކުރާ ކަމަށް ބުނެ އޭނަ އަށް މަރުގެ އިންޒާރު ދީފި އެވެ.

މި މަހުގެ 5 ގައި ކުރި ތިންވަނަ ކައިވެންޏާ ގުޅިގެން އާމިރަށް އިންޑިއާގެ ހިންދޫ އަދި މުސްލިމު ޖަމާއަތްތަކުން ވެސް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އޭނަ އަށް މަރުގެ އިންޒާރު ދީފައި ވަނީ ބޮލީވުޑްގެ މަޝްހޫރު މީސްމީހުންނަށް އާންމުކޮށް ތަފާތު އިންޒާރުތައް ދެމުންދާ ލޯރެންސް ބިޝޯނީ ގޭންގްގެ ފަރާތުންނެވެ.

އެގޮތުން އެ ގޭންގަށް ނިސްބަތްވާ ދެ މީހަކު ފޭސްބުކްގައި އާންމުކުރި އޯޑިއޯ މެސެޖެއްގައި އާމިރުގެ އަމަލުތައް ހުރި ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ. އަދި އޭނަ 'ލަވް ޖިހާދު' ޕްރޮމޯޓް ކުރަކުންދާ އިރު، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ތަހައްމަލުކޮށްގެން ނުތިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ އާމިރުގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން އޭގެ ހިތި ނަތީޖާއާ ވަރަށް އަވަހަށް ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައިވެ އެވެ.

މި އިންޒާރުގެ މައްސަލަ މުމްބާއީގެ ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން ފުލުހުން ބުނީ އެ އޯޑިއޯ މެސެޖްގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ކުރީގެ ދެ ކައިވެންޏަށް ތިން ކުދިން ތިބި އާމިރު، 61، އެންމެ ފަހުން ކައިވެނިކުރީ ގޯރީ ސްޕްރަޓް ކިޔާ މީހަކާ އެވެ. ނަމަވެސް މުސްލިމަކަށްވެ ހުރެ އާމިރު އަޢިރު މުސްލިމަކާ ކައިވެނި ނުކުރެވޭނެ ކަމަށް ބުނެ ދާދި ފަހުން އިންޑިއާގެ ދީނީ ޖަމާއަތަކުން ފަތުވާއެއް ވެސް ނެރެފައިވެ އެވެ.

އުމުރުން 47 އަހަރުގެ ގޯރީ އަކީ ނަސާރާ ދީނަށް ތަބާވާ މީހެކެވެ.

މި ކައިވެންޏާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ދާދި ފަހުން ރެޑިފާ ވާހަކަ ދައްކަމުން އާމިރު ބުނީ އޭނަގެ ކުރީގެ ދެ އަނބިންނަކީ ވެސް މުސްލިމުން ނޫން ކަމަށާއި އެއީ ހިންދޫން ކަމަށެވެ. އަދި އެ ކައިވެނިތަކަށް އެ މީހުން ދީން ބަދަލު ނުކުރާ ކަމަށް ވެސް ބުންޏެވެ.

އާމިރުގެ ފުރަތަމަ އަންހެނުންނަކީ ރީނާ ދައްތާ އެވެ. އަދި ދެވަނަ އަންބަކީ ޑައިރެކްޓަރު ކިރަން ރާއޯ އެވެ.