ކުޅިވަރުގެ މާޙައުލުގައި ކުޑަކުދިންނާއި އެތުލީޓުންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރު ޢަބްދުﷲ ރާފިޢު އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އެޑްވޮކޭޓިން ފްރީ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަދި ޔުނިސެފް މޯލްޑިވްސްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި "ސޭފްގާޑިން" ނުވަތަ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރި އެވެ. ވަކިން ޚާއްޞަކޮށް، ކުޅިވަރުގެ ތެރޭގައި ކުޑަކުދިންނަށް ކުރިމަތިވެދާނެ ގޯނާތަކުން ސަލާމަތްކުރުމާއި (ޗައިލްޑް ސޭފްގާޑިން) އެތުލީޓުންގެ ރައްކާތެރިކަން (އެތުލީޓް ސޭފްގާޑިން) ކަށަވަރުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، ކުޅިވަރު ކުޅޭ ކުދިންނަށް ރައްކާތެރި މާޙައުލެއް ގާއިމުކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ޚިޔާލު ބަދަލުކުރި އެވެ.