ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ބައިިވެރިވާން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއު ޔޯކަށް ގޮސްފި ނަމަ އޭނަ ހައްޔަރު ކުރައްވާނެ ކަމަށް އެ ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީންގެ ހައްދު ފަހަނަޅާފައިވާ ވެރިޔާ އެމެރިކާ އިން ހައްޔަރު ކުރުމުގެ ވާހަކަ މަމްދާނީގެ ކެމްޕޭންގެ ތެރޭގައި ވެސް ދައްކާފައިވެ އެވެ.
ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ނަތަންޔާހޫ އާއި އިޒްރޭލަށް އެންމެ ބޮޑަށް ވާގިދޭ ވެރިޔަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކަމެވެ.
ނިއު ޔޯކް ޓައިމްސްގެ ދި އިންޓަވިއު ޕޮޑްކާސްޓްގައި އޭނަ ވިދާޅުވީ ނަތަންޔާހޫ ސެޕްޓެމްބަރުގައި ނިއު ޔޯކަށް ވަޑައިގެންފި ނަމަ ހައްޔަރު ކުރުމާ ގުޅޭ ގޮތުން އޭނަގެ ގާނޫނީ ޓީމުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. މަމްްދާނީ ވިދާޅުވި ގޮތުގައި ނަަތަންޔާހޫ އަކީ ބައިނަލްއަގްވީމާ ޖިނާއީ ކޯޓް (އައިސީސީ)އަށް ހާޒިރުކޮށްފައި ހުންނަން ޖެހޭ މީހެއް ކަމަށެވެ.
”އޭނަ އަކީ ހަނގުރާމައިގެ ބޮޑު ކުށްވެރިއެއް. އޭނަ ހުންނަން ޖެހެނީ ދަ ހޭގްގައި ހުންނަ ކޯޓްގައި. އެ ކޯޓުން ވަނީ އޭނަ މައްޗަށް ދައުވާ ވެސް ކޮށްފައި.” މަމްދާނީ ވިދާޅުވި އެވެ.
ނަތަންޔާހޫ ހައްޔަރު ކުރުމުގެ ވާހަކަ ނިއު ޔޯކްގެ މޭޔަރު އާކުރެއްވި އިރު، ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް އައިސީސީ އޮތީ 2024 ގެ ނޮވެމްބަރުގައި ނެރެފަ އެވެ. އޭރު އެ އަމުރު ނެރުނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާއި ގުޅިގެންނެވެ. ނަތަންޔާހޫ އާއި އޭނަގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޮއާވް ގަލާންޓްގެ މައްޗަށެވެ.
އެ އަމުރާ ގުޅިގެން ބައެއް ގައުމުތަކުން ނަޔަންޔާހޫ ހައްޔަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.