Last Updated: July 20, 18:00
Monday, July 20, 2026
ޚަބަރު

ކޯސްތަކުގެ ލޯނު ފައިސާ ޑޮލަރުން ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ލިބޭ ގޮތަށް ކިޔަވާ ލޯނުގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ގައުމީ ބޭންކުން މިއަދު ބުނީ މި ބަދަލާއެކު، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެ ފަދަ ކޯސްތަކާ ގުޅުންހުރި ސަނަދުތައް ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޑޮލަރުން ފައިނޭންސިން ލިބޭނެ ކަމަށެވެ. އަދި މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ އެހީއެއް ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

އެ ބޭންކުން ބުނީ މި ފައިނޭންސިން މެދުވެރިކޮށް، ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެ ކަމަށެވެ. މީގެ އިތުރުން، ދަރިވަރުންނަށް ދޭން ޖެހޭ ސްޓައިޕެންޑް ނުވަތަ އެލަވަންސްތައް ސީދާ އެ ދަރިވަރުންގެ އެކައުންޓަށް ޖަމާކޮށްދޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް ގެނައި މި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި މުހިންމު ބަދަލެއް ކަމަށެވެ.

އޭނަ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށް ދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހަގީގަތަކަށް ހަދައި ދިނުމަކީ މައިގަނޑު އެއް އަމާޒު ކަމަށެވެ.