އައްޑޫގެ ފަޅުރަށެއް ކަމަށްވާ ސަވާހިލީގައި އެންޓަޓައިންމަންޓް އެންޑް ރިކްރިއޭޝަން ފެސިލީޓީއެއް ތަރައްގީކޮށް 50 އަހަރަށް ހިންގާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އަލުން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
އެތަނުން ބުނީ މި މަޝްރޫއު އަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 އާ ހަމަައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ޕްރޮޖެކްޓަށް ދިވެހި ކުންފުނިތަކުގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ އެވެ. އެކަމަކު ދިވެހި ކުންފުނިތައް ވާން ޖެހެނީ ސައްތަ ސައްތައިން ދިވެހި ކުންފުނިތަކަށެވެ.
މި ބީލަމުގައި ބައިވެރިވާން ދިވެހި ކުންފުނިތަކުން ރަޖިސްޓްރޭޝަނަށް 15000ރ. އަދި ބޭރުގެ ކުންފުނިތަކުން 1000 ޑޮލަރު ދައްކަން ޖެހެ އެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 30 އާ ހަމައަށެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަންނަ މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށް ބާއްވާނެ އެވެ.
ސަވާލިހި ރެކްރިއޭޝަން ފެސިލިޓީއެެއްގެ ގޮތުގައި ތަރައްގީ ކުރަން ބީލަމަށް ހުޅުވައިލި އިރު، އައްޑޫގެ މިހާރު ހިންގަމުން އަންނަ ޓޫރިސްޓް ފެސިލިޓީތަކަށް ހާއްސަ މެނޭޖްމަންޓް ފެސިލީޓީއެއް ގޮތަށް ތަރައްގީ އެ ރަށް ތަރައްގީ ކުރަން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވެސް ބީލަމަށް ލި އެވެ.

އޭރު ސަވާހިލި ބީލަމަށްލީ އެތަނުގައި މަދުވެގެން 10 ކޮޓަރި ހިމެނޭ ގޮތަށް ރެސްޓޯރަންޓަކާއި ބާއަކާއި އިންޑޯ/އައުޓްޑޯ ސްޕޯޓްސް ފެސިލިޓީ އާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ސްޕާ/ވެލްނެސް ސެންޓަރަކާއި ޕޫލާއި އަދި އެ ނޫން ވެސް ޓޫރިސްޓް އިތުރު ފެސިލިޓީތައް ހުންނަ ގޮތަށެވެ.
ސަވާހިލި އަކީ އައްޑޫ ފޭދު އާއި މަރަދޫފޭދޫގެ ފުއްޓަރުގައި އޮންނަ ކުޑަކުޑަ ރަށެކެވެ. އެ ރަށް ޓޫރިޒަމަށް ހާއްސަ ރަށެއްގެ ގޮތުގައި ކައުންސިލުން ކަނޑައެޅީ 2021 ގަ އެވެ. ސަވާހިލި އޮތް ސަރަހައްދަކީ ފޭދޫގެ ޓޫރިޒަމް ޒޯން ވެސް ހިމެނޭ ސަރަހައްދެވެ.