އިންޑިއާގައި ސެޕްޓެމްބަރު މަހު ބާއްވާ 26 ވަނަ ފިކީ ފްރޭމްސް މަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފިލްމީ އުފެއްދުންތެރިންނާއި ބްރޯޑްކާސްޓަރުންނަށް ހުޅުވާލައިފި އެވެ.
މުމްބާއީގައި އެ އިވެންޓް އޮންނާނީ ސެޕްޓެމްބަރު 29 އާއި 30 ގަ އެވެ. ފިކީ ފްރޭމްސް އަކީ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ) އިން އިންތިޒާމުކުރާ ހަރަކާތެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ފިކީ ފްރޭމްސް މަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަން އިންޑިއާ ސަރުކާރުން އަންގާފައިވާ ކަމަށެވެ. އެހެންވެ މި ފުރުސަތުގެ ދަށުން ރާއްޖޭގެ ފިލްމު އުފައްދާ ފަރާތްތަކަށާއި، މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ބްރޯޑްކާސްޓަރުންނަށް މި މަޢުރަޒުގައި ބައިވެރިވުމުގެ ދަޢުވަތު މިނިސްޓްރީން ވަނީ ދީފަ އެވެ.
މި މަޢުރަޒުގެ މައިގަނޑު މަޤްސަދަކީ މުނިފޫހިފިލުވުމާއި ބްރޯޑްކާސްޓިން ދާއިރާގެ ފަންނުވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އިންވެސްޓަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކޮށް ދިނުމެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖަންސް، ޑިޖިޓަލް މީޑިއާ، އަދި އޯޓީޓީ ޕްލެޓްފޯމް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައިގެން ސިނަމާ، ޓެލެވިޜަން، އެނިމޭޝަން، ވީއެފްއެކްސް އަދި ގޭމިންގ ފަދަ ދާއިރާތައް ދުނިޔޭގެ ބާޒާރަށް ފުޅާކުރުމަކީވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބިމޯ މި މަޢުރަޒުގެ ސަބަބުން އެ ދާއިރާ އިން ރާއްޖޭގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ގްލޯބަލް ޕާޓްނަޝިޕްތައް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މައިދާނަށް ތަޢާރަފް ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެހެންވެ މި މަޢުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ) ގެ އީމެއިލް [email protected] އަށް ގުޅުއްވުމަށް މިނިސްޓްރީން އެދެއެވެ. އަދި ރަޖިސްޓްރީވުމަށްފަހު އެ މަޢުލޫމާތު މިނިސްޓްރީގެ އީމެއިލް [email protected] އަށް ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.