ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލިގެން ހޯދަމުން ދިޔަ މީހަކު ހޮނޑާފުށީ ގޮނޑުދޮށުގައި ލައްގާގައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނި އެ މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ފަތިހު 04:05 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށި އެވެ.
ސިފައިން ބުނީ ގެއްލުނު މީހާ ފެނިފައި ވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުން ދިޔަ ޑިންގީއަކަށް ކަމަށެވެ.
އަދި އޭނަ އަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ފަރުވާ ދިނުމަށް ފަހު އެ މީހާގެ ހާލު ރަނގަޅު ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.