Last Updated: July 21, 15:15
Tuesday, July 21, 2026
ޚަބަރު

300،000ރ. ފޭރުނު މައްސަލަ ސުޕްރީމް ކޯޓަށް

ބަރަހަނާ ފޮޓޯ ހުރި ކަމަށް ބޮރު ދައްކައިގެން ދިވެހި ފިރިހެނެއްގެ އަތުން 300،000ރ. ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން ފަށައިފި އެވެ.

މި މައްސަލާގައި ބްލެކްމެއިލް ކުރުމުގެ ދައުވާ އުފުލާފައި ވަނީ އައްޑޫ ފޭދޫ، ލިލީގަސްދޮށުގޭ މުހައްމަދު ފަވާޒް ލުތުފީ، 33، ގެ މައްޗަށެވެ. އެ މައްސަލައިގައި އޭނަ ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅު އެވެ.

މިދިޔަ އެޕްރީލް މަހު ކްރިމިނަލް ކޯޓުން އޭނަގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކުރުމުން ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.

އަދި ހައި ކޯޓުން ވެސް ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓާފައިވެ އެވެ.

ސުޕްރީމް ކޯޓުގައި ދައުލަތުން މިހާރު ވަނީ އެ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ދައުލަތުން ހުށަހެޅީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އެވެ.