މި ފަހުން ސަަލްމާން ޚާންގެ އެކިއެކި އިވެންޓްތަކުން ފެނުނު އިރު، ވަރަށް ބޮޑަށް ބަލިފާޑު ޖަހައި، އުމުރުން ދުވަސްވުމުގެ އަލާމާތްތައް ވެސް ވަރަށް ބޮޑަށް ފާޅުވެ ގިނަ ބަޔަކު އެ ވާހަކަ ސޯޝަލް މީޑިއާގައި ދައްކަމުން ދަނިކޮށް އޭނަ މިއަދު އެންމެންގެ ހާލު އަހުވާލު އަހައިފި އެވެ.
ކަޅާއި ހުދުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް، ކެޕްޝަނަކަށް ދޫކޮށްލާފައި އޮތީ ސުވާލެކެވެ. އެ ސުވާލަކީ އެންމެންގެ ހާލު ކިހިނެއް ހެއްޔޭ އެވެ.
ސަލްމާން މިހާރު އަންނަނީ ޑައިރެކްޓަރު ވަމްޝީ ޕައިޑް ޕައިޑިޕައްލީގެ އެކްޝަން ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ. އެހެންވެ ފަހަރުގައި އޭނަ މިހާރު އެ ފެންނަ ލުކަކީ އެ ފިލްމަށް ހާއްސަ ލުކަކަށް ވެސް ވެދާނެ އެވެ. ނަން އަދި ހާމަނުކުރާ މި ފިލްމަކީ ދިލް ރާޖޫ ޕްރިޑިއުސްކުރާ ފިލްމެކެވެ. އަންނަ އަހަރުގެ ފިތުރު އީދުގައި ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވޭ މި ފިލްމުގެ ބަތަލަކީ ޝާހްރުކް ޚާންގެ 2023 ގެ 'ޖަވާން' ގެ ބަތަލާ ނަޔަންތަރާ އެވެ.
ވަމްޝީގެ ފިލްމުގެ މަސައްކަތް ސަލްމާން ކުރަމުން އަންނަ އިރު، މަސައްކަތް ނިންމާފައި އޮތް އޭނަގެ އެހެން ފިލްމެއް އެބައޮތެވެ. އެއީ ކުރިން މިދިޔަ އެޕްރީލްގައި ގެނެސްދޭން ނިންމުމަށް ފަހު، މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ބެލެވޭ ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ ހަނގުރާމަ ފިލްމު 'މާތުރްބޫމީ' އެވެ.
މި އަހަރުގެ ޑިސެންބަރު 27 ގައި 61 އަހަރު ފުރޭ ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރި އެކްޝަން ޑްރާމާ 'ސިކަންދަރު' އެވެ.