މި މަހުގެ ތެރޭގައި އުމްރާ އަށް ދިޔަ މީހުންގެ އަދަދު 4،000 އަށް ވުރެ ގިނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އުމްރާ އަށް މިހާރު ގޮސް ތިބި އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.
މި މަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނި ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ އެކިއެކި ކުންފުނިތަކުގެ ހަވާލުގައި ވެސް ގިނަ ބަޔަކު އުމްރާ އަށް ގޮސްފައިވެ އެވެ.
މި މަހުގެ ތެރޭގައި ރާއްޖެ އިން އުމްރާ އަށް ދިޔަ މީހުންގެ ތެރޭގައި ފުރަތަމަ ފަހަރަށް އައްޑޫ ގަން އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާ އަށް ގޮސް އުމްރާގެ އަޅުކަން އަދާކުރާ މީހުން ވެސް ހިމެނެ އެވެ. އެގޮތުން މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަ ޓްރެވެލާ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ މީހުންގެ ތެރޭގައި އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅުތަކުގެ ރަށްތަކުގެ މީހުން ވެސް ހިމެނެ އެވެ.
އަހަރުގެ އެކި ދުވަސްވަރު ރާއްޖެ އިން އުމްރާ އަށް ދާ މީހުންގެ އަދަދު މި ފަހުން ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު،. ސްކޫލް ބަންދުތަކާ ވެސް ދިމާކޮށް ވަރަށް ގިނަ ބަޔަކު ކުދިން ގޮވައިގެން އުމްރާ އަށް ދިއުން ވެސް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.