ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައި ދޭން މެލޭޝިއާގެ އިންސެފް ޔުނިވާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ބީއެމްއެލް އެކަޑެމީން ގާއިމުކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވާސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް ގައުމީ ބޭންކުން ބުންޏެވެ.
މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި، ލީޑާޝިޕް ތަރައްގީކުރުމާއި، ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލް އެކަޑެމީ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިން ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ އެކެޑަމީއެކެވެ.
އެގޮތުން މީގެ ކުރި ންވެސް އެތަނުން މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް، ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީއާއެކު އެއްބަސްވުން ގާއިމުކޮށްފައިވެ އެވެ.