މިހާރު ކާތިކް އާރިއަނާ އެކު ގެނެސްދެމުން އަންނަ ބޮލީވުޑްގެ ކާމިޔާބު ހޮރޯ–ކޮމެޑީ ފްރެންޗައިޒް "ބޫލް ބުލައްޔާ" ގެ ހަތަރު ވަނަ ބައިގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ފްރެންޗައިޒް ގެނެސްދޭ ޓީ ސީރީޒްއާ ހަވާލާދީ މީޑިއާތަކުން ބުނީ ހަތަރު ވަނަ ބައިގެ ޝޫޓިން އަންނަ އަހަރުގެ މެދު ތެރޭގައި ފަށަން ޕްލޭންކޮށްފައިވާ އިރު، ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި "ބޫލް ބުލައްޔާ 4" ގެ ވެސް ލީޑް އެކްޓަރުގެ ރޯލު ކާތިކް ފެންނާނެކަން ކަށަވަރު ކަމަށާއި ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ސާފުނުވާ ކަމަށެވެ. އަދި "ބޫލް ބުލައްޔާ" 2 އާއި 3 ޑައިރެކްޓްކުރި އަނީސް ބަޒްމީ ހަތަރު ވަނަ ފިލްމުގެ ޑައިރެކްޝަނާ ހަވާލުވާނެކަން އަދި ކަށަވަރު ނުވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އަނީސް ޑައިރެކްޓްކޮށް 2022 ގައި "ބޫލް ބުލައްޔާ 2" ގެނެސްދިނުމަށް ފަހު ތިން ވަނަ ބައި ރިލީޒްކުރީ 2024 ގަ އެވެ. މި ދެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ.
"ބޫލް ބުލައްޔާ 4" އަށް ތައްޔާރީތައްވަމުން އަންނަ އިރު، އާދީއްތަ ދުވަހު 72 ވަނަ ނެޝަނަލް އެވޯޑް ލިބޭ ފަރާތްތައް އިއުލާންކުރި އިރު، "ބޫލް ބުލައްޔާ 3" އަށް ވަނީ އެންމެ މޮޅު ސައުންޑް ޑިޒައިންގެ އެވޯޑް ކަށަވަރުވެފަ އެވެ. އަދި ޓީ ސީރީޒުން 2024 ގައި ކަބީރު ޚާން ޑައިރެކްޓްކޮށް ކާތިކްއާ އެކު ގެނެސްދިން ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ "ޗަންދޫ ޗެމްޕިއަން" އިން ހުނަރުވެރި އެކްޓަރަށް މި އަހަރު ވަނީ އަލަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުވެފަ އެވެ.
ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަބީރުގެ އިތުރު ފިލްމަކާއި ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމެއްގެ އިތުރުން ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" އަދި ޑައިރެކްޓަރު ޝިމިތު އަމީންގެ "ކެޕްޓަން އިންޑިއާ" ހިމެނެ އެވެ.
ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ ދަރުމާގެ މިދިޔަ އަހަރުގެ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ.