Last Updated: July 21, 11:48
Tuesday, July 21, 2026
ޚަބަރު

އިޙްތިރާމް އަދާކުރުމުގެ މަޝްރޫޢަށް ހިޔާލު ހޯދަން ފަށައިފި

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން މިއަދު އިފުތިތާހުކޮށްފި އެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނޭ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ގޮތުން އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އަމިއްލަ އަދި ކްލަބް ޖަމްޢިއްޔާތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވި އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް ރިވެތި އަޚްލާޤާއި އާދަކާދަ އިޢާދަކޮށް ފެތުރުމަށްޓަކައި، ވީހާ ވެސް ގިނަ ބައެއްގެ ބައިވެރިވުމާއެކު ޚިޔާލު ހޯދައި މަޝްވަރާކުރުމެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހުރި އިސްލާމީ ރިވެތި އަދަބު އަޚްލާޤާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރީތި ސިފަތައް އަލުން އަށަގަންނުވުމަށްޓަކައި ހިންގާ ބިޔަ މަޝްރޫޢެއް ކަމަށެވެ.

އެހެންވެ މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި ބައިވެރިވުން ހިމެނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.