މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ތިލަފުށީގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ބަނދަރު ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ މަސައްކަތް ހަވާލުކުރީ ޗައިނާ ހާބަ އިންޖިނިއަރިން ކުންފުންޏާ އެވެ.
އެކަމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޙޫސެއިން ޝަފީޤެވެ. ޗައިނާ ހާބާ އިންޖިނިއަރިން ފަރާތުން ސޮއިކުރެއްވީ ކަންޓަރީ މެނޭޖަރު މާއޯ ބާ އޯއެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނާ ބޯޓުފަހަރަށް ޚާއްސަ 14.6 މީޓަރު ފުންމިނުގެ އަދި 375 މީޓަރު ދިގު މަގަތުފާލަމެއް ތަރައްޤީ ކުރާނެއެވެ. އަދި ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަ 5 މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ ވޯލްއެއް ނުވަތަ މަގަތު ފާލަމެއް ވެސް ތަރައްޤީކުރާނެ އެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަޞީލަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.