Last Updated: July 21, 15:15
Tuesday, July 21, 2026
ރިޕޯޓް

ތިބާގެ އަމާޒު ހަނދާން ނައްތާނުލާށެވެ!

އިމާމް މާލިކު رحمه الله، އެކަލޭގެފާނުގެ އާދައިގެ މަތިން ރަސޫލާ ﷺ ގެ ހަދީޘްފުޅުތައް ކިޔަވައިދެއްވުމަށް މަސްޖިދުއް ނަބަވީގައި އިންނެވި ދުވަހެކެވެ. އެވަގުތު ވަރަށް ގިނަ ދަރިވަރުން އެކަލޭގެފާނުގެ ވަށައިގެން އަޑުއަހަން ތިއްބެވެ.
ކުއްލިއަކަށް މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. "މަދީނާއަށް ވަރަށް ބޮޑު އެތެއް އަތުވެއްޖެއެވެ!"
(މަދީނާއަކީ އެތް އުޅޭ ތަނަކަށް ނުވާތީ، މަދީނާގެ އަހުލުވެރިންނަށް އެތް ވެފައިވަނީ އާ އެއްޗަކަށެވެ.)
އެހިނދު، އެތް ބެލުމަށްޓަކައި ހުރިހާ ދަރިވަރުން ދުވެފައި ނިކުތެވެ. އަދި އިމާމް މާލިކުގެ އަރިހުގައި މަޑުކުރީ ހަމައެކަނި ޔަޙްޔާ ބިން ޔަޙްޔާ އައްލައިޘީއެވެ.
އިމާމް މާލިކް އެކަލޭގެފާނާ މުޚާޠަބުކޮށް ވިދާޅުވިއެވެ.
"ކަލޭގެފާނު އެމީހުންނާއެކު ބޭރަށް ވަޑައިނުގަތީ ކީއްވެގެންތޯއެވެ؟ ކުރިން އެތް ދެކެވަޑައިގަތީތޯއެވެ؟"
ޔަޙްޔާ ވިދާޅުވިއެވެ: "ތިމަން މަދީނާއަށް އައީ މާލިކު ގެފާނު ދެކިލުމަށެވެ. އެތް ބެލުމަކަށް ނޫނެވެ."
ފުންކޮށް ވިސްނާލަމާ ހެއްޔެވެ. އެތަނަށް ހާޒިރުވެ އެވަގުތު ތިބި ދަރިވަރުންގެ ތެރެއިން، ސަމާލުކަން އެހެން ދިމާލަކަށް ކަސިޔާރުވެ ނުދިޔައީ އެންމެ ދަރިވަރެކެވެ.
ނަތީޖާއަކަށްވީ، އިމާމް މާލިކްގެ އަރިހުން ޔަޙްޔާ ބިން ޔަޙްޔާ އައްލައިޘީ ރިވާކުރެއްވި ކުރެއްވި "އަލްމުވައްޠައު" (الموطأ) ގެ ރިވާޔަތަކީ އެންމެ އިތުބާރު ހުރި ރިވާޔަތް ކަމުގައި ވުމެވެ. އަދި އެދުވަހު އެތް ބަލަންދިޔަ އެއްވެސް ދަރިވަރެއްގެ ނަމެއް ތާރީޚަކުން އަޅުގަނޑުމެންނަކަށް ފެންނާކަށް ނެތެވެ.
އަޅުގަނޑުމެންގެ ޙަޔާތުގައިވެސް ވަގުތު ބޭކާރުވާ ފަދަ އެތައް ކަމަކާ ދިމާވެއެވެ. ޙަޔާތުގައި އަޅުގަނޑުމެން ޙާޞިލުކުރަން ބޭނުންވާ މުހިންމު އެތައް ކަންތައްތަކެއް ޙާޞިލު ނުވަނީ، ބޭކާރު ކަންތައްތަކަށް މާ ގިނައިން ވަގުތު ދެވޭތީއެވެ.
އާޚިރަތަށްޓަކައި ހުސްކޮށްލަންޖެހޭ އެތައް ވަގުތެއް ބޭކާރުވެގެން ދާއިރުވެސް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ.
ބޭކާރު ކަންތައްތަކާ ދުރުވެ، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ބަޔަކަށްވުމަށް މަސައްކަތް ކުރަމާތޯއެވެ.

ނޯޓް: މިއީ ޝައިޚް އަހުމަދު ނާޒިހްގެ ލިޔުއްވުމެކެވެ.