ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރް އާ ބައިވެރިޔަކު ހޯދާފައިވާކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.
މީޑިއާތަކުން މި ވާހަކައެއް ތިލަކޮށްގެން އުޅެނީ އިއްޔެ އިނގިރޭސިވިލާތުގެ ލަންޑަންގެ ލޯޑް ކްރިކެޓް ސްޓޭޑިއަމްގައި އިންޑިއާ އާއި އިނގިރޭސިވިލާތް ކުޅުނު މެޗް ބަލަން ގޮސް ޒުވާން އަންހެނަކާ އެކު އަރުޖުން ފެންނަ ފޮޓޯތަކެއް ދައުރުވާން ފެށުމުންނެވެ. އެ ފޮޓޯތަކުގައި އަރުޖުންއާ އެކު ފެންނަނީ ބަތަލާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކަޝްމީރަށް އުފަން 32 އަހަރުގެ ބަތަލާ ސާހިބާ ބާލީ އެވެ.
އޭގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ ސާހިބާގެ ކޮނޑަށް އަރުޖުން އަތް އަރުވައިގެން ދެ މީހުން ވަރަށް ހިނި އައިސްފައި ތިބޭ ތަނެވެ. މި ފޮޓޯތަކާ އެކު މީޑިއާތަކުން ބުނަނީ އަރުޖުން އާއި ސާހިބާ މިހާރު ޑޭޓް ކުރަމުން އަންނަ ކަމަށް ބެލެވޭ ކަމަށެވެ. މި ވާހަކަތައް އިއްޔެއިން ފެށިގެން ދެކެވެން ފެށުމުން ސާހިބާ މިއަދު ވަނީ އިންސްޓަގްރާމް ސްޓޯރީގައި ފޮޓޯތަކުން ފެންނަ މަންޒަރު ގޮތްގޮތަށް މާނަ ނުކުރަން އެދިފަ އެވެ.
ސަޕޯޓިން ބަތަލާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސާހިބާ ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި ޑިއާ މާޔާ، ތަނާވް، އަމަރު ސިންގް ޗަމްކީލާ އަދި ލައިލާ މަޖުނޫ ހިމެނެ އެވެ.
ބައެއް ޓީވީ އިޝްތިހާރުތަކުން ވެސް ސާހިބާ ފެނިފައިވެ އެވެ.
އޭނަ އާއި އަރުޖުން ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަ ދެކެވެމުން އަންނަ އިރު، އަރުޖުން އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ ކުރިން ކައިވެންޏެއްކޮށް ޒުވާން ދަރިޔަކު ވެސް ހުރި މަލައިކާ އަރޯރާއާ އެވެ. އޭނަ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ.
މަލައިކާ އާއި އަރްބާޒްގެ ކައިވެނި 2017 ގައު ރޫޅައިލުމާ އެކު 2024 އާ ހަމައަށް މަލައިކާ ރައްޓެހިވެގެން އުޅުނީ އަރުޖުންއާ އެވެ. އޭނަ އަކީ އަރުޖުން އަށް ވުރެ އުމުރުން ދުވަސް ވެސް މީހެކެވެ. މަލައިކާ އަށް 52 އަހަރެވެ. އަރުޖުން އަށް 41 އަހަރެވެ.
އަރުޖުން އަކީ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަތަރު ކުދިންގެ ތެރެއިން ދޮށީ އަދި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަރުޖުން އާ ބައިވެރިއެއް ހޯދިކަމުގެ އަޑުތައް ގަދަވަފައިވާ އިރު، އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަންޝުލާ ކަޕޫރް މިދިޔަ ހަފުތާގައި ވަނީ ކައިވެނިކޮށްފަ އެވެ.
އަރުޖުން އަނެއް ދެ ކޮއްކޮއިންނަކީ ދޮންމަންމަ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ކުދިން ކަމަށްވާ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރެވެ.