މިއަދު މުޅި ދުނިޔެ މުސްލިމު ކުއްޖަކަށް ތަޢުރީފު ކުރަނީއެވެ. އެއީ ސްޕޭނުގެ ޢުމުރުން 19 އަހަރުގެ ލަމީން ޔަމާލްއެވެ. އޭނާގެ ނަންވެސް، އޭނާގެ ނިކަމެތިކަމާއި، ފަޤީރުކަމުގެ ވާހަކަ ކިޔައިދެއެވެ. މި އަމިއްލަ އެދުން ބޮޑު އަނިޔާވެރި ދުނިޔޭގައި ޙަޤީޤީ ބަޠަލަކަށް ވާނީ ކިހިނެއްކަން ލަމީން ޔަމާލުގެ ދަތުރު، އަހުރެމެންނަށް ބުނެދެއެވެ. ލަމީން ޔަމާލްެއަކީ ޓީންއޭޖުގައި ޔޫރޯއާއި، ވޯލްޑްކަޕު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ.
ޝުހުރަތުގެ ކުރިން، ބާސަލޯނާއަށް ކުޅުމުގެ ކުރިން، އަދި ލަމީން ޔަމާލް ދުނިޔެއަށް އުފަންވުމުގެ މާކުރިން ޢުމުރުން 40 އަހަރުގެ އަންހެނަކު، މޮރޮކޯ ދޫކޮށް ހުސްއަތާ ސްޕޭނަށް ހިޖުރަކުރިއެވެ. އޭނާގެ ނަމަކީ ފާތިމާއެވެ. އެއީ ލަމީން ޔަމާލްގެ މާމައެވެ. އޭނާ ސްޕޭނުގެ ކެޓެލޯނިއާއަށް ހިޖުރަކުރިއިރު، އޭނާގެ އަތުގައި އޮތީ ހަމައެކަނި ބަސްޓިކެއްޓެއް ގަންނާނެ ކުޑަ ލާރިކޮޅެކެވެ.

އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ކޭމްޕު ސައިޓެއްގައެވެ. އަދި ފަހުން ނަރސިންގ ހޯމަކުން އޭނާއަށް ވަޒީފާއެއް ލިބުނެވެ. އެކަމަކު، އޭނާއާއެކު އޭނާގެ ހުވަފެންތައް ވިއެވެ. އޭނާގެ އޮތީ އެންމެ އަމާޒެކެވެ. އެއީ، އޭނާގެ ޢާއިލާއަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމެވެ.
ފާތިމާ، އޭނާގެ ޢާއިލާގެ އެކަކަށްފަހު، އަނެކަކު ސްޕޭނަށް ގެނައެވެ. އެންމެ ފުރަތަމަ ގެނައީ އޭނާގެ ދޮށީ ދަރިފުޅު ޢަބުދުލްއެވެ. އެއަށްފަހު، އޭނާގެ ދެވަނަ ދަރިފުޅު މުނީރު ގެނައެވެ. އަދި، އެ ޢާއިލާ ބާސަލޯނާގެ ރޮކަފޮންޑާގެ ގެމި ނުވަތަ ނެއިބަރހޫޑްގެ ބޭރުގައި ދިރިއުޅުން ޤާއިމުކުރިއެވެ. އެ ސަރަޙައްދަކީ ޚާއްސަކޮށް މުހާޖިރު ޢާއިލާތަކަށް ބިނާކޮށްފައިވާ ސަރަޙައްދެކެވެ. މުނީރުގެ ޢުމުރުން 19 އަހަރުގެ ފަހުކޮޅު، އޭނާއާ ޝީލާއާ ދިމާވެއެވެ.
ޝީލާއަކީ ރަނގަޅު ފުރުޞަތުތަކެއް ހޯދުމަށްޓަކާ އިކުއެޓޯރިއަލް ގިނީއިން، ސްޕޭނަށް ހިޖުރަކުރި ކުއްޖެކެވެ. އެންމެފަހުން މުނީރާއި، ޝީލާ ކައިވެނި ކުރިއެވެ. އެކަމަކު، އެ ދެމަފިރިން ދިރިއުޅެމުން ދިޔައީ ވަރަށް ދަތި ދިރިއުޅުމެކެވެ. ގިނަފަހަރަށް، އެމީހުން ދިރިއުޅޭ އެޕާރޓްމަންޓުގެ ކުލި ދައްކާނޭ އަދި ބަނޑުފުރާނަ މުއްތިކުރާނެ މިންވަރަށްވެސް އެމީހުންގެ އަތުގައި ފައިސާއެއް ނުހުރެވެ. އެކަމަކު، އެ ދެމަފިރިންގެ ދެ ރަޙުމަތްތެރިން ކަމަށްވާ ލަމީންއާއި، ޔަމާލް، އެމީހުންގެ އެ ދަތި ދިރިއުޅުމުގައި އެމީހުންނަށް ވަރަށް ބޮޑަށް އެހީވިއެވެ.
ޝީލާ އާއި މުނީރު އަތުގައި އެ ދެ ރަޙުމަތްތެރިންނަށް ދޭނޭ އެއްވެސް އެއްޗެއް ނުހުރެއެވެ. އެކަމަކު، ޝީލާއާއި މުނީރު އެ ދެ ރަޙުމަތްތެރިންނަށް ވަޢުދެއްވިއެވެ. އެއީ، އެ ދެމަފިރިންނަށް ފިރިހެން ކުއްޖަކު ލިބިއްޖެނަމަ، އެކުއްޖާގެ ނަމަކަށް "ލަމީން ޔަމާލް"ގެ ނަމުން ނަން ދިނުމެވެ. ބޭނުމަކީ، އެ ދެ ރަޙުމަތްތެރިންގެ އިޙުސާންތެރިކަން ތާއަބަދަށް ހަނދާން ކުރުމެވެ. އަދި ޖުލައި 2007 ގައި އެމީހުންގެ އެ ވަޢުދު ފުއްދިއެވެ. ޝީލާއާއި، މުނީރަށް ފިރިހެން ކުއްޖެއް ލިބުމުން، އެކުއްޖާގެ ނަމަކަށް "ލަމީން ޔަމާލް ނަޒުރާވީ އަބާނާ" އޭ ކިޔައި ނަންދިނެވެ.
ދިރިއުޅުމުގައި ކާމިޔާބީ ޙާޞިލުކުރަން ބޭނުން ނަމަ، ލަމީން ޔަމާލްގެ ޙަޔާތުން ތިންކަމެއް ދަސްކުރާށެވެ. ފުރަތަމަ ކަމަކީ، ފަޤީރުކަމާއި، ނިކަމެތިކަމަކީ ތިބާގެ ކާމިޔާބީއަށް ހުރަސްއަޅާ ކަމެއް ނޫނެވެ. ދެވަނަ ކަމަކީ، ތިބާގެ ޙަޔާތުގެ ދަތުރުގައި، ތިބާއަށް އިޙުސާންތެރިވާ މީހުންގެ މަތިން ދުވަހަކުވެސް ހަނދާން ނައްތައި ނުލާށެވެ. ތިބާގެ
ދަރިންނަށް އެ އިޙުސާންތެރިންގެ ނަމުން ނަން ކިޔަން ޖެހުނު ކަމުގައި ވިޔަސް ވަރިހަމައެވެ. ތިންވަނަ ކަމަކީ، ތަޖުރިބާއަކީ ވަރަށް އަގުބޮޑު އެއްޗެކެވެ. އެކަމަކު، އިޚުލާސްތެރިކާމާއި، ޖުނޫނާއެކު މަސައްކަތްކޮށްފިނަމަ، ތަޖުރިބާގެ ކުރިމަތިލައި ކާމިޔާބީ ޙާޞިލުކުރެވިދާނެއެވެ.
ޔަމާލް، އޭނާގެ ޢާއިލާގެ ނަސީބު ތާއަބަދަށް ބަދަލު ކޮށްލިއެވެ. އޭނާ، އޭނާގެ މަންމައާއި، ބައްޕައަށް ގޯތި ގެދޮރު ގަންދިނެވެ. އަދި އޭނާގެ ނަސީބުކަމުގައިވާ އޭނާގެ މާމައަށްވެސް ގެއެއް ގަނެދިނެވެ. ޔަމާލް ޤަބޫލުކުރާ ގޮތުގައި އޭނާގެ ލޯބިވާ މާމަ ސްޕޭނަށް ހިޖުރަ ނުކުރިނަމަ، ލަމީން ޔަމާލެއް ދުނިޔެއެއް ނުދެކޭނެއެވެ. އަދި ލަމީން ޔަމާލް، މިހާރު މިފެންނަ ލަމީން ޔަމާލަކަށްވެސް ނުވީހެވެ. ޙަޤީޤަތުގައި، މިވާހަކައިގެ އެންމެ މުހިންމު މުމައްސިލަކީ މޮރޮކޯއިން ހުސްއަތާ ސްޕޭނަށް ހިޖުރަކުރި، ލަމީން ޔަމާލްގެ މާމަ ފާތިމާއެވެ.
ފާތިމާ، އަހުރެމެންނަށް ބުނެދެނީ އަންހެނަކު އޭނާގެ ޢާއިލާއަށްޓަކާ ޖުނޫނާއި، ހިތްވަރާއި، ޢަޒުމާއެކު ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެކަމެވެ. ތިބާއަށްވެސް ކޮންމެ ފަދަ ކަމެއްވެސް ކުރެވިދާނެއެވެ. ބޭނުންވަނީ ހިތްވަރާއި، ޢަޒުމެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.