އައްޑޫ ސިޓީ ކައުންސިލުން މިވަނީ އައްޑޫ "ސަވާހިލީ" ގައި މުނިފޫހިފިލުވުމާއި މުނިސިޕަލް ޚިދުމަތްތައް ހިމެނޭ މަރުކަޒެއް ތަރައްޤީކޮށް، ހިންގައި ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 79،753 އަކަމީޓަރުގެ ބިމާއި، އެ ސަރަޙައްދުގެ ގޮނޑުދޮށާއި ޤުދުރަތީ މާޙައުލު، ކާމިޔާބުކުރާ ފަރާތަކަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ތެރޭގައި އާންމު ބީޗެއްގެ އިތުރުން، އެ ސަރަޙައްދަށް ވަދެނިކުމެވޭނެ މަގުތަކާއި، މޫދު ކުޅިވަރުގެ ޚިދުމަތްތަކާއި، ފަތާ ފެންގަނޑަކާއި، އެތެރޭގެއާއި ބޭރުގައި ކުޅެވޭ ކުޅިވަރު ވަސީލަތްތަކުގެ އިތުރުން، ފާޚާނާ ބަރިއަކާއި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހިމެނެއެވެ.
ޝައްކެއް ވެސް ނެތް ގޮތުގައި މިއީ އާންމުންނާއި އައްޑޫ އަށް ޒިޔާރަތްކުރާ ފަތުރުވެރިން މުނިފޫހިފިލުވުމަށް މުހިންމު ވަސީލަތްތަކެކެވެ. ނަމަވެސް، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަބަކަށް އައްޑޫ ބަދަލުކުރުމަށް ބޭނުންވާ ފަދަ، ދުރު ރާސްތާގެ ވަރުގަދަ ތަސައްވުރެއް ކަމަކަށް ނުބެލެވެއެވެ.
ރާއްޖޭގެ އެހެން އަތޮޅުތަކާ ޚިލާފަށް، އައްޑޫގައި ރިސޯޓު ތަރައްޤީކުރެވޭނެ ފަދަ ފަޅުރަށްތައް މަދެވެ. އައްޑޫގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ބާރަކީ އެ އަތޮޅުގެ މީހުން ދިރިއުޅޭ މުޖުތަމައުތަކެވެ. އެހެންކަމުން، އައްޑޫގައި ހިންގާ ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫޢުތައް ބައްޓަންކުރަންވާނީ ފޭދޫ، މަރަދޫ، މަރަދޫފޭދޫ، ހިތަދޫ، ހުޅުދޫ އަދި މީދޫގައި ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވައިދޭނެ ފަދަ ގޮތަކަށެވެ.
ސަވާހިއްޔަކީ ދެކުނުގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މަރުކަޒަށް ވުމުގެ ޤާބިލުކަން ލިބިފައިވާ ތަނެކެވެ. އެހާ ޚާއްޞަ ސަރަޙައްދެއް ހަމައެކަނި އާންމު މުނިފޫހިފިލުވާ ބަގީޗާއަކަށް ހެދުމުގެ ބަދަލުގައި، މުޅި އައްޑޫގެ ގެސްޓްހައުސް ސިނާޢަތަށް އެހީތެރިވެދޭނެ ފެންވަރުގެ "ޓޫރިޒަމް ހަބް" އެއްގެ ގޮތުގައި ތަރައްޤީކުރުން މާ މުހިންމެވެ.
މާސްޓަ ޕްލޭނެއްގެ ދަށުން ސަވާހިލި ހަތަރު ޒޯނަކަށް ބަހާލައިގެން ތަރައްޤީ ކުރެވިދާނެ އެވެ.
ފުރަތަމަ ޒޯން:
މި ސަރަޙައްދަކީ ދިވެހިވަންތަ ސިފަތައް އެކުލެވޭ ބުޓިކް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރެވިދާނެ ތަނެކެވެ. މީގެ ތެރޭގައި ގާޑަން ވިލާ، ބީޗް ވިލާ އަދި ވޯޓަރ ވިލާތައް ހިމެނިގެންދާނެއެވެ. މިއީ އައްޑޫ ސިޓީގެ ގެސްޓުހައުސް ފަތުރުވެރިކަމުގެ ތެރެއިން މިހާރު ފޯރުކޮށްދެވެން ނެތް މޫދު ވިލާގެ ތަޖުރިބާ ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުޞަތެކެވެ. މި ސަރަޙައްދުގައި ފެންވަރު ރަނގަޅު ރެސްޓޯރެންޓަކާއި، ބާރ، ފަތާ ފެންގަނޑު، ސުވެނިއަރ ޝޮޕްގެ އިތުރުން ޒަމާނީ ފެންވަރުގެ ވެލްނެސް ސެންޓަރެއް ގާއިމުކުރެވޭނެއެވެ. އަދި ހަމައެއާއެކު، ޚާއްޞަ ޕްރައިވެޓް ބީޗަކާއި ފަތާ ސަރަޙައްދެއްވެސް މި ޒޯނުގައި ހިމެނުމަށް ރޭވިދާނެއެވެ.
ދެވަނަ ޒޯން:
މި ސަރަޙައްދު ކަނޑައަޅަންވާނީ މަތީ ފަންތީގެ "ބީޗް ކްލަބް" އެއް ތަރައްޤީކުރުމަށެވެ. މިއީ ހަމައެކަނި ރިސޯޓުގެ މެހުމާނުންނަށް ޚާއްޞަ ތަނެއްގެ އިތުރުން، އައްޑޫގެ ހުރިހާ ގެސްޓްހައުސްތަކަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ބޭނުންކުރެވޭނެހެން ފަރުމާކުރެވޭ ތަނެކެވެ. މިތަނުގައި ރެސްޓޯރެންޓް، ކެފޭ، ފަތާ ފެންގަނޑު އަދި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކަށް ބޭނުންވާ ވަޞީލަތްތަކާއި ބީޗް ޕެވެލިއަންތައް ހުންނާނެއެވެ. މިފަދަ ތަނެއް ގާއިމުކުރުމުގެ ސަބަބުން ފަތުރުވެރިން އައްޑޫގައި ހޭދަކުރާ ދުވަސްތައް އިތުރުވެ، ރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ތިންވަނަ ޒޯން:
މިއީ އައްޑޫ ސިޓީގައި ގާއިމުކުރެވޭ އެންމެ ފުރިހަމަ "ވޯޓަރ ސްޕޯޓްސް" މަރުކަޒެވެ. ޖެޓްސްކީ، ޕެރަސެއިލިންގ، ޑައިވިންގ، ކައިވެލި ދުއްވުން އަދި ސްޕޯޓްސް ފިޝިންގ ފަދަ މޫދު ކުޅިވަރުގެ ހުރިހާ ވަސީލަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދިއުމަކީ، ރާއްޖޭގެ ދެކުނުގައިވާ މޫދު ކުޅިވަރުގެ މައި މަރުކަޒަށް މިތަން ވެގެންދާނެ ކަމެކެވެ.
ހަތަރުވަނަ ޒޯން:
މި ސަރަޙައްދަކީ މުޅިން އައު، ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދޭނެ ތަނެކެވެ. ރާއްޖޭގެ އެހެން އެއްވެސް ސަރަޙައްދަކުން މިހާތަނަށް ފެންނަން ނެތް ފަދަ ޒަމާނީ ފެންވަރުގެ "ވޯޓަރ ޕާކް" އެއް މިތަނުގައި ބިނާކުރުމަކީ، ބޭރުގެ ފަތުރުވެރިންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިން އައްޑޫއަށް ޒިޔާރަތްކުރުމަށް ބާރުއަޅާނެ މުހިންމު ސަބަބެކެވެ. މި ޒޯނުގައިވެސް ޚާއްޞަ ރެސްޓޯރެންޓް، ބާރ، ފަތާފެންގަނޑު އަދި ރިކްރިއޭޝަން ސެންޓަރެއް ގާއިމުކުރަންވާނެއެވެ.
ސަވާހިލީ މަޝްރޫޢުގެ އެންމެ ބޮޑު އެއް ފައިދާއަކީ، އެ ސަރަޙައްދުގެ ބިމުގެ ގުދުރަތީ އޮނިގަނޑު އޮތްގޮތުން އެކި ބައިތައް ވަކިވަކިން ތަރައްޤީކުރުމަށް ފަސޭހަވުމެވެ. ކައުންސިލުން ބޭނުންވެއްޖެ ނަމަ، ކޮންމެ ޒޯނެއް ވަކި ފަރާތަކާ ހަވާލުކޮށްގެން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ހިންގިދާނެއެވެ. ނުވަތަ ކަނޑައެޅިފައިވާ މޮޑެލްއާ އެއްގޮތަށް ތަރައްޤީކުރުމަށް ޝަރުތުކޮށް، މުޅި މަޝްރޫޢު އެއް ފަރާތަކާވެސް ހަވާލު ކުރެވިދާނެ އެވެ.

މިފަދަ ފުރިހަމަ މަޝްރޫޢެއްގެ ސަބަބުން އާދައިގެ މުނިފޫހިފިލުވާ ބަގީޗާއަކަށް ވުރެ މާ ބޮޑު އިޤްތިޞާދީ ފައިދާއެއް އައްޑޫއަށް ލިބޭނެއެވެ. ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އަމިއްލަ ވިޔަފާރިތަކަށް މަގުފަހިވެ، އައްޑޫގެ ފަތުރުވެރިކަން މުޅިން އައު މަރުޙަލާއަކަށް ގެންގޮސްދޭނެ އެވެ.
ފަތުރުވެރިކަން ރޭވުމުގައި ބަލަން ޖެހޭނީ ހަމައެކަނި މިއަދުގެ ބޭނުންތަކަކަށް ނޫނެވެ. އާންމު ބަގީޗާތަކާއި ކުޅޭ ބިންތައް ކޮންމެ ތަނެއްގައިވެސް ހެދިދާނެއެވެ. ނަމަވެސް ސަވާހިލި ފަދަ ޤުދުރަތީ ރީތިކަން ލިބިފައިވާ ތަނެއް ގެއްލިއްޖެނަމަ، އެ ފުރުޞަތު ދެން އަނބުރާ ނުލިބޭނެއެވެ.
ކައުންސިލްގެ ހުށަހެޅުމަކީ އުފާވެރި ފެށުމެކެވެ. ނަމަވެސް އައްޑޫއަށް ބޭނުންވަނީ މިއަށްވުރެ މާ ފުޅާ، މާ ވަރުގަދަ މަޝްރޫޢެކެވެ. ރަނގަޅު މިފަދަ ޕްލޭނަކާއެކު ސަވާހިލި ތަރައްގީ ކުރެވިއްޖެނަމަ އެތަން ވެގެންދާނީ އައްޑޫގެ ރަށު ފަތުރުވެރިކަމުގެ "ވިންދު" ކަމުގައެވެ. އަދި މިއީ އައްޑޫގެ މުސްތަޤުބަލު ބަދަލުކޮށްލުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. އެހެންކަމުން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހެ އެވެ.